މާލޭގެ މީހުންނަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ދޭން ނިންމާފައިވާ 1،000 ގޯތި ވިއްކަން ނިންމާފައި ނުވާ ކަމަށާއި މާލޭ ސަރަހައްދުން ގޯތި ދޭނީ ހިލޭ ކަމަށް ރައީސް އޮފީހުން އިއްޔެ ބުނެފި އެވެ.
ގޯތި ނުވިއްކާނެ ކަމަށް ރައީސް އޮފީހުން ބުނީ، ސަރުކާރުން މާލޭގެ މީހުންނަށް ގޯތި ވިއްކަން އުޅޭތީ ކަންބޮޑުވާ ކަމަށް ވިދާޅުވެ، މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 22 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގެ ޖަވާބުގަ އެވެ.
އެ ސިޓީގައި ރައީސް އޮފީހުން ބުނީ، ހުޅުމާލެ އިން މަދުވެގެން 1،000 ގޯއްޗާއި ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުން ވެސް މާލޭގެ މީހުންނަށް ގޯތި ދޭނެ ކަމަށް ރައީސްގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި އިރު، ގޯތި ވިއްކާ ވާހަކަ ވިދާޅުވެފައި ނުވާ ކަމަށެވެ.
"އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް، އިންވަކިކޮށް، ދައުރު ނިމުމުގެ ކުރިން ގޯތީގެ ފަތް ހަވާލުކުރައްވާނެ ކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ އިރު، ގޯތި ވިއްކުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައި ނުވާނެކަން މަނިކުފާނު [މޭޔަރު މުއިއްޒު]ގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެ ސިޓީގައި ވެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވަމުން މިދިޔަ މަހު 3 ގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ބޯހިޔާވަހިކަމުގައި މާލޭގެ މީހުންނަށް އޮތް ދައްޗާއި ތަކުލީފު ވަރަށް ބޮޑު ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނައިން ވާހަކަފުޅު ދެއްކެވޭ ކަމުގެ އިހްސާސް ވެސް ކުރެވޭ ކަމަށެވެ. އެ މަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން އެ މައްސަލަ އަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް އެ ދުވަހު ވައުދުވެވަޑައިގަތެވެ.
ހުޅުމާލެ އިން ގޯތި ދޫކުރުމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ކަންކަން ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.
މުއިއްޒު ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ރަށްރަށުގައި ހިއްކައިގެން ބިން ދޫކުރާ އުސޫލުން މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ އިން ގޯތި ދިނުމުގައި ވެސް ހުރިހާ އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވާތީ، މާލޭގެ މީހުންނަށް ހިލޭ ގޯތި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މާލޭގެ އެތައް ހާސް ރައްޔިތުންނަށް ވަންނާނެ އެކަށީގެންވާ ހިޔާވައްސެއް ނެތި، ނިކަމެތިކަމާ އެކު އެ ފަރާތްތަކުގެ ދިރިއުޅުން ހޭދަކުރަމުންދާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. ނަތީޖާއެއްގެ ގޮތުން މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ގެދޮރުވެރިކަމުގެ ދަތިކަމުގެ މައްސަލަ އެވެ،" އެ ސިޓީގައިވެ އެވެ.
"ވުމާއެކު، އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ދެއްވާ ބީދައިން މާލޭ ރައްޔިތުންނަށް ވެސް ގޯތި ހިލޭ ދެއްވުމަށް ނުހަނު އަދަބުވެރިކަމާ އެކު ތަކުރާރުކޮށް އެދި ދެންނެވީމެވެ،"
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީހުން ދިރިއުޅުމަށް ބޮޑު އަގުގައި 60 ބިމެއް ވިއްކަން އެޗްޑީސީން އިއުލާންކުރުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.