މާލޭގެ މީހުންނަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ދޭން ނިންމާފައިވާ 1،000 ގޯތި ހިލޭ ދިނުމަށް ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 22 ގައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ރަށްރަށުގައި ހިއްކައިގެން ބިން ދޫކުރާ އުސޫލުން މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ އިން ގޯތި ދިނުމުގައި ވެސް ހުރިހާ އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންވެ، މާލޭގެ މީހުންނަށް ހިލޭ ގޯތި ދިނުމަށް އެ މަނިކުފާނުގެ އަރިހުން މޭޔަރު އެދިވަޑައިގަތެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މާލޭގެ އެތައް ހާސް ރައްޔިތުންނަށް ވަންނާނެ އެކަށީގެންވާ ހިޔާވައްސެއް ނެތި، ނިކަމެތިކަމާއެކު އެ ފަރާތްތަކުގެ ދިރިއުޅުން ހޭދަކުރަމުންދާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. ނަތީޖާއެއްގެ ގޮތުން މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑު ވެފައިވާ މައްސަލައަކީ ގެދޮރުވެރިކަމުގެ ދަތިކަމުގެ މައްސަލަ އެވެ،" ސިޓީގައިވެ އެވެ.
"ވުމާއެކު، އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ދެއްވާ ބީދައިން މާލެ ރައްޔިތުންނަށް ވެސް ގޯތި ހިލޭ ދެއްވުމަށް ނުހަނު އަދަބުވެރިކަމާއެކު ތަކުރާރުކޮށް އެދި ދެންނެވީމެވެ،"
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީހުން ދިރިއުޅުމަށް ބޮޑު އަގުގައި 60 ބިމެއް ވިއްކަން އިއުލާންކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.