ރާއްޖޭގައި މިވަގުތު ތިބި ޔުކްރޭންގެ ޓޫރިސްޓުންގެ ތެރެއިން ވިސާގެ މުއްދަތު އިތުރު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޔުކްރޭންގެ ޓޫރިސްޓުންނަށް ވިސާ އިތުރު ކޮށްދޭން އެދި އެ އިދާރާގެ "އިމުގަ" ޕޯޓަލް މެދުވެރިކޮށް އެދެވޭނެ ކަމަށެވެ. ވިސާ އިތުރު ކޮށްދޭން އެދެން ޖެހޭނީ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ.
ވިސާއަށް އެދޭއިރު ޓޫރިސްޓުގެ މައުލޫމާތުގެ އިތުރުން އެ ޓޫރިސްޓަކު ހުންނަ ފެސިލިޓީގެ ލައިސެންސް ކޮޕީއެއް ފޮނުވަން ޖެހޭނެ އެވެ. އަދި ގެސްޓްހައުސެއްގައި ހުރި ޓޫރިސްޓެއް ނަމަ ރަސީދުތައް ފޮނުވަން ޖެހޭނެ އެވެ.
ޔުކްރޭންގެ ޓޫރިސްޓުންނަށް ވިސާ އިތުރު ކުރުމުގެ ފުރުސަތު އިމިގްރޭޝަނުން ހުޅުވާލީ އެ ގައުމުގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެންނެވެ. ރަޝިއާއިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ދަތުރުފަތުރު ވެސް ވަނީ މެދުކެނޑިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ޔުކްރޭނާއި ރަޝިއާ ޓޫރިސްޓުންނަށް ވިސާ އިތުރުކޮށްދޭން އިމިގްރޭޝަނާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ޔުކްރޭނުގެ ޓްރެވަލް އެޖެންސީތަކުން ވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެހީއަށް އެދިފައިވެ އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ޔުކްރޭނުގެ 750 ޓޫރިސްޓުން އެބަތިއްބެވެ.