ރާއްޖެ އިން ތިން ގައުމަކަށް މިއަދު ސަފީރުން އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ.
ރާއްޖެ އިން ސިންގަޕޫރަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރަކީ ހަމްދޫން ހަމީދެވެ. ޖަޕާންގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަން ކުރެއްވީ މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ. ޖަރުމަނުގެ ސަފީރަކަށް އައްޔަން ކުރެއްވީ ޖަމީލާ އަލީ އެވެ.
މީގެ ތެރެއިން ހަމްދޫން ހަމީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރެއްވި، އަދި ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ބޭފުޅެކެވެ. މުންދު ވަނީ މައުމޫންގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން މުންދު ކުރެއްވި އެވެ. މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މުންދު އެންމެ ފަހުން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގަ އެވެ.
މާލޭގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލްކަން ކުރެއްވި އަދި އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި ޖަމީލާ އެންމެ ފަހުން އަދާކުރެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމެވެ.
ޖަރުމަނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. އެހެންވެ ޖަމީލާ ވެފައި ވަނީ ރާއްޖެއިން އެ ގައުމަށް ކަނޑައެޅި ފުރަތަމަ ސަފީރަށެވެ.