ޑިންގީގެ އިންޖީނު ގޮވައި ބަނޑު ކަފައިގެން ދިޔަ އެކްސިޑެންޓުގައި އަބްދުﷲ ފަޒީލްގެ ހަށިގަނޑުގެ ގިނަ ގުނަވަންތަކަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ށ. ފީވަކުން އެ އަތޮޅު ފޯކައިދު އަށް ޑިންގީއެއްގައި ދަނިކޮށް، އޭގެ އިންޖީނު ގޮވައި ފަޒީލްގެ ބަނޑު ކަފައިގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހެވެ. އެ ހާދިސާއާ ގުޅިގެން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަނެއް ކުރުމަށް ފަހު މިހާރު ފަރުވާދެނީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު އަހްމަދު މައުސޫމް ވިދާޅުވީ ފަޒީލުގެ ހަށިގަނޑުގެ ގިނަ ގުނަވަންތަކަކަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުމުގެ އިތުރުން މައިބަދަ އަށް ވެސް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އައިޖީއެމްއެޗުގައި އޭނާ ބާއްވާފައި އޮތީ ހޭނައްތައިފަ އެވެ.
"ހޭނައްތާފައި އޮބްޒަވޭޝަންގައި ބާއްވާފައި އޮތީ. ހާލު ސްޓޭބަލް. ވަރަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ހުރީމަ ހާލު ރަނގަޅޭ، ނުވަތަ ގޯހޭ އެހެން ވަކި އެއްޗެއް ނުދެންނެވޭނެ،" މައުސޫމް ވިދާޅުވި އެވެ.
ފީކަވު ސްކޫލްގެ ޓީޗަރަކަށް އުޅޭ ފަޒީލް ފޯކައިދު އަށް ދަތުރުކުރީ އޭނާގެ ގާތް ރަހުމަތްތެރިޔަކާ އެކުގައި ކޮފީއެއް ބޯލަން ކަމަށްވެ އެވެ. ގާތްގަނޑަކަށް 15 މިނެޓު ހޭދަވާ ދަތުރުމަތީގައި ހިނގި އެކްސިޑެންޓުގައި ރަހުމަތްތެރިޔާ އަށް އެއްވެސް އަނިޔާއެއް ނުލިބުނީ ޑިންގީގެ ކުރީކޮޅުގައި އޭނާ އިނުމުންނެވެ.