ކޮވިޑް ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާނީ، ކޮވިޑްގެ ދެ ވެކްސިނާ އެކު ބޫސްޓާ ޑޯޒް ވެސް ފުރިހަމަކޮށްފައިވާ ފަރާތްތައް ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.
ކޮވިޑްގެ ކަރަންޓީނު އުސޫލުތަކަށް ބަދަލު ގެނެސް، އެ އެޖެންސީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ހުރިހާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމަ އެވެ. އަދި ދެ ވަނަ ޑޯޒް ޖަހައި، ހަ މަސް ފާއިތު ނުވާ ނަމަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
"އަދި ދެވަނަ ޑޯޒް ޖެހުމަށް ފަހު ހަ މަސް ފާއިތުވެފައިވާ ނަމަ ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައިވާ ނަމަ އެވެ،" އިއުލާންގައި ވެ އެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި ލުއިތަކުގެ ތެރޭގައި ހިމެނެނީ ވެސް، ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ދީފައިވާ ލުއިތަކެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ވެކްސިން މިހާތަނަށް ޖަހާފައި ވަނީ 72،825 މީހުންނެވެ. ދެ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދަކީ 369،820 އެވެ.
މިއަދު ދިން ލުއިތަކުގެ ތެރޭގައި ހިމެނެނީ:
- ވެކްސިންތައް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ކޮވިޑް ކޮންޓެކްޓުން އަލާމާތެއް ނެތް މީހުން މިއަދުން ފެށިގެން ކަރަންޓީން ވާން ނުޖެހުން.
- ކޮވިޑް ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވެ، އަލާމާތެއް ހުރެއްޖެ ނަމަ، އެންޓިޖެން ނުވަތަ ޕީސީއާރުގެ ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީން ވާން ނުޖެހުން.