އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެކަން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގައުމީ ސަލާމަތާ ބެހޭ (241) ކޮމިޓީއަށް ހުށަހަޅުއްވައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރު އަސްލަމް "މިހާރު" އަށް މިއަދު ވިދާޅުވީ، ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ ކޮމިޓީން ކުރިއަށް ނުގެންދެވި އޮތީ މަޖިލިސް ރިސެސްގައި އޮވެ، ކޯރަމް ހަމަނުވާނެތީ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއާއެކު، އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ މަސައްކަތްތައް ފެށުމުން ކޮމިޓީން އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދު ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ، ޕީޕީއެމްގެ ރައީސް ޔާމީން އިސްވެ އިންޑިއާއާ ދެކޮޅަށް ހިންގަވާ ހަރަކާތްތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަންނާނެ އަމަލެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ މަސްލަހަތާ ހިލާފު އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އަތުވެދާނެ ކަމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"އިންޑިއާ އަކީ އެތަކެއް ހާސް ދިވެހިންނެއް އެ ގައުމުގައި ދިރިއުޅެމުން އަންނަ ގައުމަކަށްވާ އިރު އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދާ އިސްވެ ދެންނެވި ހަރަކާތުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އެދިވަޑައިގެންފައި އޮތީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި މައްސަލަ ބައްލަވައި ދެއްވުމަށެވެ.
އިންޑިއާ ދެކޮޅަށް ފެށި ހަރަކާތް އިދިކޮޅު ޕީޕީއެމުން ވަނީ އަތޮޅުތަކުގައި ވެސް ފުޅާކޮށްފަ އެވެ. ޔާމީން އިސްވެ ހުންނަވައި އެ ހަރަކާތް ހިންގަވަން ރަށްރަށަށް ދަތުރުފުޅު ވެސް ކުރައްވަ އެވެ.
ޔާމީން ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަން ބަދަލުކޮށް، މި ސަރުކާރު ގެނައީ އިންޑިއާގެ އެހީތެރިކަމާ އެކުގަައި ކަމަށެވެ. ބަދަލެއްގެ ގޮތުން އިންޑިއާގެ ނުފޫޒަށް ދިވެހި ރާއްޖޭގައި ޖާގަ ދީ، ސިފައިން ބައިތިއްބާފައިވާ ކަމަށާއި އެއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމަށް ޔާމީން ވިދާޅުވެ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެން ނުޖެހޭ ކަމަށާއި ސިފައިން ގައުމުން ފައިބަންދެން މުޒާހަރާ ހުއްޓާނުލައްވާނެ ކަަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މި ކެމްޕޭނަށް ފާޑުވިދާޅުވަމުން ސަރުކާރުން ބުނެފައި ވަނީ ކެމްޕޭންގެ ބޭނުމަކީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އިންޑިއާގެ އެހީއާއެކު އެތެރެވުން ހުއްޓުވާތީ އެކަމާ ނުރުހުންފާޅުކުރުން ކަމަށެވެ. ވަކި ގައުމަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އިދިކޮޅަށް ކެމްޕޭން ނުހިންގޭނެ ކަަަމަށް ބުނެ އެކަން ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅަން ވެސް އޮތީ ތައްޔާރުވެފަ އެވެ.
އެ ބިލުގައި އޮތީ ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ހަރަކާތްތައް ހިންގުން މަނާކޮށް، އަދަބެއްގެ ގޮތުން ޖޫރިމަނާކޮށް ޖަލު އަދަބު ދެވޭ ގޮތަށެވެ. މި ބިލް ހުށަހަޅައި އަނގަ ބަންދުކުރިއަސް "އިންޑިއާ އައުޓް" ކެމްޕޭން ނުހުއްޓުވޭނެ ކަަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.