އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލައާ ގުޅިގެން ކޯޓުން އަމަލުކުރަމުން އަންނަނީ ދެ ފުށް ފެންނަ ގޮތަަކަށް ނޫން ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ކޯޓުން މިއަދު ބުނެފައި ވަނީ މަހްލޫފްގެ މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށެެވެ.
ކޯޓުގެ ނިންމުމާ ގުޅިގެން ޓްރާންސްޕޭރަންސީން ބުނީ ކޯޓުގައި މި ދުވަސްވަރު ވެސް އެކި މައްސަލަތައް ކުރިއަށްދާ ކަމަށާއި އެކަމަކު މަހްލޫފްގެ މައްސަލައަކީ ސީރިއަސް މައްސަލައެއް ނަމަވެސް މައްސަލަ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދަން ނިންމުމުން ކޯޓުގެ ގައިޑްލައިންތައް އެހާ ދެކޮޅު ނުޖެހޭ ކަމަށެވެ.
އޮގަސްޓް 6، 2020 ގައި ކޯޓުން ވަނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުން ތައާރަފުކުރި ކަމަށާއި މަހްލޫފުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓަށް ފޮނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 25 ގައި ކަމަށް ވެސް ބުންޏެވެ.
މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވީ ނަމަވެސް އެ ނިންމުން އަނބުރާ ގެންގޮސް އޭނާގެ ސަސްޕެންޝަން އުވާލައި، މިހާރު ވެސް ހުންނެވީ ކެބިނެޓުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބައެއް ރަށްރަށަށް ދަތުރު ކުރައްވައި، އެ މަނިކުފާނު އަރިހުގައި ހުންނަވައިގެން ސިޔާސީ މަސައްކަތްތަކުގައި ވެސް މަހުލޫފް ބައިވެރިވެވަޑައިގަންނަވަ އެވެ.
ޓްރާންސްޕޭރަންސީން ވަނީ އެކަމުގައި ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކެބިނެޓް ވަޒީރެއްގެ މައްޗަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވި އެ މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ މަގާމުން ވަކިކުރާނެ ކަމަށް ވިދާޅުވެފައި ނަމަވެސް އެގޮތަށް މަހްލޫފްއާ މެދު އަމަލުކޮށްފައި ނުވާތީ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ރައީސް ކަނޑައެޅުއްވި "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތާ އެކު، ހިޔާނާތުގެ ތުހުމަތުވާ ސަރުކާރުގެ އިސްވެރިންނަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުން އޮތް ނަމަވެސް އުސޫލަށް ބަދަލު ގެނެސް، މަހްލޫފުގެ ސަސްޕެންްޝަން އުވާލިއިރު މިހާތަނަށް ވެސް އެ އުސޫލު އާންމެއް ނުކުރެ އެވެ.
އެހެންވެ ލިޔެފައި ނެތް ގައިޑްލައިންތަކެއްގެ ސަބަބުން އެކަމުގައި ދެފުށް ނުފެންނާތީ ޓްރާންސްޕެރަންސީން ކަންބޮޑުވެ ބުނެފައި ވަނީ ސަރުކާރުގެ މި އަމަލުގެ ސަބަބުން ކޮރަޕްޝަން ހިންގާ މީހުންނަށް އެމީހުންގެ މަގާމުގެ ބާރު ބޭނުންކޮށްގެން ހެކި ނައްތާލުމާއި ކޮރަޕްޝަން އިތުރުވާނެ ކަމަށެވެ.
މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާއިން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ހިފި ކަމުގެ ދައުވާ އެވެ.
އެ މައްސަލައިގެ އަޑު އެހުމެއް މިދިޔަ ހަފުތާގެ ބުދަ ދުވަހު ތާވަލު ކުރި ނަމަވެސް އެ ދުވަހު ޝަރީއަތް ކެންސަލުކުރީ އެވެ. އެކަމަކު ޝަރީއަތް ކެންސަރު ކުރި ސަބަބު ކޯޓުން ނުބުނެ އެވެ.
މަހުލޫފް ވެސް ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ނިންމުންތައް ގަބޫލު ނުކުރައްވައި އޭނާ ފަހުން ނިންމެވީ ކޯޓުން މައްސަލަ ސާބިތުވަންދެން މަގާމުގައި ދެމި ހުންނެވުމަށެވެ.
މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ވެސް ގެއްލޭނެ އެވެ.
މަހްލޫފުގެ މައްސަލަ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދަން ނިންމި ނަމަވެސް މާދަމާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކޮރަޕްޝަންގެ މައްސަލައެއް އޮތީ ތާވަލުކޮށްފަ އެވެ. އެހެންވެ، އެކަމާ ގުޅުވައިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.