މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ބައެއް ބަންދުކޮށް، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅައިލަން ހަދާ "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ތިލަމާލެ ބްރިޖް ހަދަން ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުނި، އެފްކޮންސް އިންފްރާސްޓްރަކްޗަރުގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭ ހެދުމަށް ބޭނުންވާ ސާމާނު ގެންގޮސް، އެ މަސައްކަތް މިދިޔަ އާދިއްތަ ދުވަހު ވަނީ ފަށައިފަ އެވެ.

ޖިއޯޓެކްނިކަލް ސާވޭ އަކީ ބިމުގެ ވަރުގަދަކަން ވަޒަން ކުރުމަށް ކުރާ ސާވޭއެކެވެ.

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭ، ޖިއޯޓެކްނިކަލް ސާވޭ ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މި ސާވޭ ހެދުމަށް ބޭނުންވާ މެޝިނަރީތައް ވެސް އިންޑަސްޓްރިއަލް ވިލެޖުގައި ބަހައްޓައިގެން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންޑަސްޓްރިއަލް ވިލެޖުން ބަންދުކޮށްފައި ވަނީ ވެމްކޯގެ ސައިޓާއި ޑްރައިވިން ޓެސްޓް ހަދާ ސަރަހައްދާ ދެމެދުގައި އޮންނަ ބައެވެ. ވެމްކޯގެ ސައިޓަށް ދާން އޮންނަ މަގުގެ އެއް ބަޔާއި އެ މަގާ ޖެހިގެން އެތެރެ އަށް އޮންނަ މަގުގައި ވެސް ވަނީ ކޮންކްރީޓް ބެރިތަކެއް މިހާރު ބަހައްޓައިފަ އެވެ.

ބޮޑުތަކުރުފާނުގެ މަގުން ކަޅުތުއްކަލާ ކޮށީގެ ކުރިމައްޗަށް ވާ ގޮތަށް އޮންނަ އިންޑަސްޓްރިއަލް ވިލެޖުގެ ބިން ވެސް ބަނީ ބްރިޖުގެ މަސައްކަތަށް ހުސްކޮށްފަ އެވެ.

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭ، ޖިއޯޓެކްނިކަލް ސާވޭ ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭ، ޖިއޯޓެކްނިކަލް ސާވޭ ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މީގެ ކުރިން ވެސް ވަނީ މި ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭއެއްގެ މަސައްކަތް ކޮށްފަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރު 28 އިން ފެށިގެން ކުރި އެ ސާވޭ އަކީ ލޭންޑް އެންޑް މެރިން ސާވޭއެކެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއު މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް އަންނަ މާޗު މަހު ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭ، ޖިއޯޓެކްނިކަލް ސާވޭ ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭ، ޖިއޯޓެކްނިކަލް ސާވޭ ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އޮގަސްޓް މަހު 26 ގަ އެވެ.

މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. އެއީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭ، ޖިއޯޓެކްނިކަލް ސާވޭ ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭ، ޖިއޯޓެކްނިކަލް ސާވޭ ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ތިލަމާލެ ބްރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީ ކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއް ބައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދާ މި ބްރިޖުގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލެއާ ގުޅުވައިލާނެ އެވެ.

މި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ފުރަތަމަ ފިޔަވަހި ނިންމައިލުމެވެ.