މުޅި ރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު އަނެއްކާ ގޯސްވެފައި ވާއިރު އައްޑޫގައި ވެސް ކޭސްތަކުގެ އަދަދު 300 އިން މައްޗަށް އަރައިފި އެވެ.
އައްޑޫގެ ކޮވިޑްގެ ހާލަތު މިދިޔަ އަހަރު އެންމެ ގޯސްވި އިރު އެކްޓިވް ކޭސްތަކުގެ އަދަދު 250 އިން މައްޗަށް އެރި އެވެ. އެކަމަކު މިހާރު ހުރި އަދަދަށް އިތުރުވެފައެއް ނުވެ އެވެ.
މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 304 އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ، އިރުއޮއްސި 6:00 އާ ހަމައަށް، އަލަށް 62 ކޭސް ފެނިފައިވެ އެވެ.
މިހާރު ހިތަދޫގައި 146، މީދޫގައި 55، ފޭދޫގައި 34، ހުޅުދޫގައި 32، މަރަދޫފޭދޫގައި 15 އަދި މަރަދޫގައި ހަތް ކޭސް އުޅެ އެވެ. މީގެ އިތުރުން ރިސޯޓްތަކުން ނުވައެއް އަދި އެހެން ތަންތަނުން ހަ ކޭސް އުޅެ އެވެ.
އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 14 މީހަކު މިހާތަނަށް މަރުވެފައިވާ އިރު، އެންމެ ފަހުން މި ބަލީގައި ހުކުރު ދުވަހު މަރުވީ ބިދޭސީއެކެވެ. މިހާރު ވެސް އެޑްމިޓްކޮށްގެން އެކަކަށް އަންނަނީ ފަރުވާދެމުންނެވެ.
އައްޑުގޫއި ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް 3،342 މީހަކަށް ބަލި ޖެހިފައިވެ އެވެ.
ކޮވިޑްގެ ހާލަތު އަލުން އައްޑޫގައި ގޯސްވަމުންދާތީ އީއޯސީން ވަނީ ކުރިން ވެސް އިރުޝާދު ދީފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އީއޯސީން ބުނެފައިވާ ގޮތުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ކޮންޓްރޯލުން ނެއްޓިއްޖެ ނަމަ ފަރުވާދޭން ވެސް ދަތިވެދާނެ އެވެ.
މުޅި ރާއްޖޭގައި ކޮވިޑް ކޭސްތައް ކޮންޓްރޯލް ވެފައި އޮތުމަށް ފަހު އަނެއްކާ ގޯސްވެފައި މި ވަނީ ކޮވިޑްގެ އާ ވެރިއަންޓް އޮމިކްރޮން ފެނުނު ފަހުންނެވެ. އިއްޔެ ވެސް މުޅި ރާއްޖޭން 1،200 އަށް ވުރެ ގިނަ ކޭސް އަލަށް ފެނިފައިވެ އެވެ.