ކޮމަންޑު އާއި އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށަން ނިންމައިފި އެވެ.
ކޮމަންޑޫ ރައްޔިތުންގެ އެދުމާ އެއްގޮތަށް އެ ރަށާ އެއްފަޅެއްގައި އޮންނަ މަތި ކޮމަންޑޫ ގުޅައިލަ ދޭނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފުތިތާހު ކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ޖަލްސާއެއްގަ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށަން ނިންމާފައިވާކަން ޕްލޭނިން މިނިސްޓްރީން އަންގާފައިވާ ކަމަށް ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން "މިހާރު" އަށް މިއަދު ވިދާޅުވި އެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލާއި ސަރުކާރުން މި ދެ ރަށް ގުޅައިލުމަށް ރާވާފައިވާ ޕްލޭނާ ވެސް އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރަށުގެ ރައްޔިތުންގެ ޒަމާންވީ ހުވަފެނެއް ހަގީގަތަކަށް ވާން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާއިރު، މަޝްރޫއު ފައްޓަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. މި ދެ ރަށް ގުޅުވައިލަން ރާވާފައި ވަނީ މަތި ކޮމަންޑޫގެ ބިން ހިއްކުމަށް ފަހު ބްރިޖަކުންނެވެ. މި މަސައްކަތް ހަވާލުކުރާނެ ފަރާތަކާއި އަދި ނިންމަން ހޭދަވާނެ މުއްދަތު އަދި ސާފެއް ނުވެ އެވެ.
މި މަޝްރޫއުއާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް އަދި އެ ޕާޓީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅައިލުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން އެ ރަށުގެ މީހުންނަށް ވީ ވައުދެއް ކަމަށާއި މި ސަރުކާރުން އެ ވައުދު ފުއްދައިދޭނެ ކަމަށެވެ.
މި މަސައްކަތުގެ ވާހަކަފުޅު ދައްކަވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއާ ގުޅުވައިގެން ކަމަށް ބަޔަކަށް ހީވިޔަސް ރައީސް އެ ރޭ ވިދާޅުވީ، "މިއަކާ ކެމްޕޭނާ ގުޅުމެއް ނެތް،" ކަމަށާއި މިއީ ހަމަ ފުލް ސްޕީޑުގައި އަވަހަށް ކޮށް ނިންމާލަން ޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތުގެ ޕްލޭންތައް ހަދައި ނިމި، ހަފުތާއެއްގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮމަންޑޫގެ ހުޅަނގު ފަރާތުން އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ މަތި ކޮމަންޑޫ ގުޅައިލުމަކީ އެ ރަށުގެ މީހުންގެ ވަރަށް ބޮޑު އެދުމެކެވެ. ކޮމަންޑު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެކަން ކޮށްދިނުމަށް އެކި ފަހަރު މަތިން ސަރުކާރުގައި އެދިފައިވެ އެވެ.