އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ރާއްޖެ އަށް އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ވިއްކުމަށް ރަށްރަށުން އޭޖެންޓުން ހޯދަން ހުޅުވާލައިފި އެވެ.
އެސްޓީއޯ އިން ބުނީ މިގޮތަށް ތަކެތި ވިއްކަން ފުރުސަތު ދޭނީ ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ކަމަށެވެ.
މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ހުޅުވާލައިފަ އެވެ. އެސްޓީއޯ އިން ބޭނުން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭށެވެ. އެސްޓީއޯ އެޖެންޓުގެ ގޮތުގައި އައްޔަންކުރާނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތަކަށެވެ. އޮންލައިން ވިޔާފަރި ކުރާ ފަރާތްތަކަށް ވެސް އޭޖެންޓަކަށް ފުރުސަތު އޮންނާނެ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވާން ބޭނުން ފަރާތްތަކުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވުމަށް އެދޭ ފޯމް ހުށަހެޅުން އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ފޯމް ހުށަހަޅާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ ކައުންޓަރަށެވެ. މިކަމާ ގުޅޭ އިތުރު ހޮޓްލައިން 1422 ނުވަތަ 7291124 ނަމްބަރާ ގުޅައިގެން ލިބޭނެ އެވެ.