އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ މާލޭ ޓީޖެޓީ، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެ ކުންފުންޏަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ، ސިޓީ ކައުންސިލުން އެތަނާ ހަވާލުވާން މިއަދު ހިނގައްޖެ އެވެ.
ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވާން ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން މިހާރު ތިއްބެވީ އެތަނުގަ އެވެ.
ޓީޖެޓީ ބެލެހެއްޓުމަށް އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވެފައި ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ އާންމު ޖަލްސާގައި ވަނީ އެތަން ހުސްކުރަން އެންގުމަށް ފާސްކޮށްފަ އެވެ. އެ ނިންމުމުގައި ވަނީ ކައުންސިލުން އެމްޕީއެލް އަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން އަމިއްލަ އަށް އެތަނާ ހަވާލުވުމަށެވެ. އެ މުއްދަތު ހަމަވީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަށެވެ.
ނަމަވެސް ސިޓީ ކައުންސިލުން މިއަދު ބުނީ ދިނީ 97 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތު ހަމަވީ މިއަދު ކަމަށެވެ.
މާލޭ ޓީޖެޓީ ބަލަހައްޓަން އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏަސް، ސަރުކާރާ އެކު އެމްޕީއެލް އިން އެކަމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނަވައިގެންނެވެ.
ޓީޓެޖީ، ސިޓީ ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަތަރު ފަހަރަކު ދެންނެވި ކަމަށާއި ސިޓީއަކުން ވެސް އެކަމަށް އެދުމުން ވެސް ނިންމެވީ ލާމަރުކަޒީ ގާނޫނާ ހިލާފަށް އަދި ރައްޔިތުންނާ ދެކޮޅަށް ކަމަށް ވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.