ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ މަސްދޯންޏަކަށް ވުރެ ޑްރަގް ބޯޓު ފަހަރު ގިނަވާން ދޫކޮށްލުން ނޫން ކަމަށާއި އެ ކަންކަމުން ރައްކާތެރިވުމަށް ރާއްޖެއާ އަވަށްޓެރި ގައުމުތަކުން މަދަދު ލިބުމަކީ ކުށްވެރިންނަށް ކެތް ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އިދިކޮޅު ހަރަކާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ރައްދު ދެއްވައިފި އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ. ގާފަރުގައި ބޭއްވި ޖަލްސާގައި ރައީސް އެ މޭރުމުން ވާހަކަފުޅު ދެއްކެވިއިރު، ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި އިދިކޮޅު ޕީޕީޕީއެމް/ޕީއެންސީން ވަނީ ކެމްޕެއިނެއް ފަށައިފަ އެވެ. އެ ޕާޓީން މާލޭގެ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވެސް ވަނީ އިންޑިއާގެ ސިފައިންނާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.
ގާފަރުގައި އޮތް ޖަލްސާގައި ރައީސް ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި ކާރޫބާރޫގެ ތެރެއިން ނުރައްކާތެރި އުދަބާނީއެއް ރާއްޖޭގެ ހުރަހަށާއި ދިގަށް ހިނގާ ކަމަށެވެ.
ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވޯކުތަކުން ހަރަކާތްތެރިވަމުންދާ ކަމަށާއި ޓެރަރިޒަމާއި ވަގު ވިޔަފާރި އާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތުތައް ހިންގާ ފަރާތްތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވެސް ހަރަކާތްތެރިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓުމުގައި އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހި ކުރުމަކީ މި ދެންނެވި މީހުން ރުހޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް އިސްވެރިން ތުހުމަތު ކުރައްވާ ގޮތުގައި ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިންނާ ދެކޮޅު ކެމްޕެއިނެއް އިދިކޮޅުން ފަށައިގެން އުޅެނީ ރާއްޖޭގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަންތަކަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ އެހީތެރިކަން ދޭތީ އެވެ. ދާދި ފަހުން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވި ޑްރަގް ނެޓްވޯކެއް އަތުލައިގަތީ އިންޑިއާގެ އެހީތެރިކަން ލިބިގެންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވިގޮތުގައި، މި ސަރަހައްދުގެ އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެ އަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާ ވަރުގެ ކަމެއް ނޫނެވެ. ދިވެހި ދައުލަތުގެ އެއްވެސް ސަރަހައްދެއް އެފަދަ ބޭނުންތަކަށް ދޫނުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަކީ މަސްދޯނި ފަހަރަށް ވުރެ ޑްރަގް ބޯޓު ފަހަރު ގިނަ ވާން ދޫކޮށްލުމެއް ނޫން. އެ ކަމެއް ނުކުރާނަން. ކުރިއަކަށް ނުވެސް ދޭނަން،" ވަރަށް ހަރުކަށި އިބާރާތުން ރައީސް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ކުރިން ވަނީ "އިންޑިޔާ އައުޓް" ކެމްޕެއިނަކީ ރާއްޖެ ސަރަހައްދުގެ ސަލާމަތީ ކަންކަން އިންޑިޔާ އިން ބަލަހައްޓައި ގާނޫނާ ހިލާފު ކަންކަން ހުއްޓުވާތީ ހިންގާ ކެމްޕެއިނެއް ކަމަށް ވިދާޅުވެފަ އެވެ.