އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގައި ސަރުކާރުން ހިންގާ ހަމައެކަނި ހޮސްޕިޓަލުގައި ބޭނުންކުރަން މި ވަގުތު އޮތީ އެންމެ އެމްބިއުލާންސެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު، އެ ތަނުގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއާއެކު، އެންމެ ބޮޑު ޑިމާންޑެއް އައިސްފައިވާ އެއް ތަނަކީ ހުޅުމާލޭ ހޮސްޕިޓަލެވެ.
އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ދެ އެމްބިއުލާންސްގެ ތެރެއިން އެއް އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ހަތަރު މަސް ވެއްޖެ ކަމަށެވެ. އެ ވެހިކަލް މަރާމާތުކުރަން ގެންގޮސްފައިވާ ކަމަށާއި އެކަމަކު އިތުރު އެމްބިއުލާންސް ހޯދުމަށް އަންނަ އަހަރަށް ބަޖެޓު ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން މިހާރު އެހީތެރިކަން ހޯދަނީ ސަރުކާރުން ފަށާފައިވާ އިމަޖެންސީ މެޑިކަލް ސާވިސަސް (އީއެމްއެސް) ގެ އެމްބިއުލާންސްގެ ނިޒާމުގެ ތެރެއިންނެވެ.
"މި ވަގުތު މި އޮތީ އެންމެ އެއްޗެއް. އެކަމަކު އީއެމްއެސްގައި އެބަ ގެންގުޅޭ [ތިން އެމްބިއުލާންސް]. އެ ތަން ފަންކްޝަން ކުރަން ފަށާފައި ހުރީ ކޮވިޑާއެކު. އޭގެ އެސިސްޓެންސް އަޅުގަނޑުމެން މި ހޯދަނީ،" މާރިޔާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން މިހާރު އަންނަނީ ރަށްރަށަށް ބޭނުންވާ ގިނަ އަދަދެއްގެ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލަށް އެމްބިއުލާންސެއް ހަމަޖައްސައި ދިނުމަށް މިނިސްޓްރީގައި އެދުމުން އެކަން ކޮށްދޭނެ ކަމަށް އަންގާފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގައި ބޭނުންކުރާ އެމްބިއުލާންސް ހޯދުމުގެ ކަންކަން މަޑުޖެހުނީ އެމްބިއުލާންސްގެ ގައުމީ ހިދުމަތް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ އެވެ. އެއީ ސަރުކާރުގެ ވަސީލަތްތައް ޑުޕްލިކޭޓް ވާނެ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކަމަކު، ހޮސްޕިޓަލުގައި ފަށަން ނިންމާފައިވާ އާ ހިދުމަތްތަކާއެކު އަންނަ އަހަރު އެމްބިއުލާންސް ހޯދުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.
އޯޕީޑީގައި ކޮންމެ ދުވަހަކު ވެސް 300 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ ހުޅުމާލެ ހޮސްޕިޓަލްގެ އެމްބިއުލާންސް ހިދުމަތަށް ބާރު ބޮޑެވެ. އެއް ދުވަހު 12 އެކްސިޑެންޓު ހިނގައިގެން ވެސް އެ ތަނުން ފަރުވާދީފައި ވެ އެވެ.