ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން އުޅޭ "ކޮތަރު ކޮށި" ޖަލްސާ، ހުއްދަ ނުހޯދާ ބާއްވަން އުޅޭތީ، ހުއްޓުވަން ފުލުހުން މިއަދު ނުކުމެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން އުޅޭތީ، އެކަމަށް ފިޔަވަޅު އަޅައިދިނުމަށް އެޗްޑީސީން މިއަދު އެ އިދާރާގައި އެދިފައިވާ ކަމަށެވެ.
އެޗްޑީސީން އެކަމަށް އެދިފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ އެ ކުންފުނީގެ އިހުތިސާސް ހިނގާ ތަނަކަށްވެފައި، އެފަދަ ހަރަކާތްތައް އެތަނުގައި ބޭއްވޭނީ އެ ކުންފުނީގެ ހުއްދަ ލިބިގެން ކަމަށް އަންގާފައި ވާތީ ކަމަށް ފުލުހުން ބުންޏެވެ.
ޖަލްސާ އަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރު އެ ސަރަހައްދުގައި ދިދަ ޖަހަމުން ދަނިކޮށް ފުލުހުން ނުކުމެ ވަނީ އެކަން ހުއްޓުވައިފަ އެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބާއްވަން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމުން އެޗްޑީސީން ވަނީ އެ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން އެ ކުންފުނީގެ ހުއްދަ އަށް އެދިފައި ނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ، އޮންނަ އުސޫލުގެ ދަށުން ހުއްދަ ހޯދުމަށް އެ ކުންފުނިން އިލްތިމާސްކުރި އެވެ.
ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުންގަނޑު ބޮޑުވެފައިވާއިރު، މިއަދު ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ވެސް ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރަން ފާސްކޮށްފަ އެވެ.
ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ އަމިއްލަ ބިމެއް ގޮތަށް ރަޖިސްޓްރީކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ. މުއިއްޒު މިހާރު ވިދާޅުވަނީ މި އަހަރު އަމަލުކުރަން ފެށި ލާމަރުކަޒީ ގާނޫނުގެ ދަށުން، ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ބިމަކަށް ވާތީ އެތަން ކައުންސިލާ ހަވާލުކުރަން ޖެހޭ ކަމަށެވެ.