ސުޕްރީމް ކޯޓު ކައިރިއަށް އެއްވި އެންމެންގެ ލޮލުން ކަރުނަ އެވެ؛ ފަސް އަހަރުގެ ޖަލު ހުކުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މިނިވަންވި ވަގުތުކޮޅަކީ ސަޕޯޓަރުންނާއި ޕީޕީއެމަށް ބޮޑު އުފަލެކެވެ.
"އިންސާފު ލިބި ސުޕްރީމް ކޯޓުގެ ހުކުމުން ސާބިތުވެގެން މިދިޔައީ ރައީސް ޔާމީންގެ މައުސޫމްކަން،" އުފަލުން ރޮމުން ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ވެރިކަމުގައި ޔާމީނަށް އަނިޔާވެރިވެއްޖެ އެވެ. އެކަން މިއަދު ޝައްކެއް ނެތް މިންވަރަށް ކަނޑައެޅިގެން ދިޔައިރު، އެ މީހުންނާ އިންސާފު އަރައި ހަމަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019ގަ އެވެ.
އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.
މި މައްސަލައިގައި ޔާމީނަށް އިއްވީ ބޭއިންސާފު ހުކުމެއް ކަމަށް ބުނެ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓީ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމާ އެކު އެ މަނިކުފާނު މިއަދު ވަނީ ސަލާމަތްވެފަ އެވެ.
މިއީ، އިސްލާމްދީނާއި ދިވެހި ގައުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތަށް ނަސްރު ދެއްވި ދުވަސް. -- އަބްދުއްރަހީމް
ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ހުކުމުން އެނގުނީ "ހައްގަށް ނަސްރު ދެއްވާނެ ކަން" ކަމަށެވެ. ޖަޒުބާތުތަކާ ހެދި ވާހަކަ ދެއްކެވޭނެ ވަގުތެއް ނޫން ކަން ފާހަގަކުރައްވައި ވިދާޅުވީ އަނިޔާވެރިކަން އަބަދަކު ދެމިނޯންނާނެ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑަކަށް ނޭނގެ މި ލިބުނު އުފާ ކިޔައިދެވޭނެ ގޮތެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"މިއީ، އިސްލާމްދީނާއި ދިވެހި ގައުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތަށް ނަސްރު ދެއްވި ދުވަސް."
އޭނާ އެދިވަޑައިގަތީ އިދިކޮޅު ލީޑަރު މިނިވަންވެ ލިބުނު އުފަލަށް ހަމްދުކޮށް، އެއްވެސް މީހަކު ބޮޑާވެ ކިބުރުވެރިނުވުމަށެވެ.
ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގައި މިއީ އެންމެ އުފާވެރި ދުވަސް ކަމަށެވެ.
"އަޅުގަނޑު ހިތަށް ވަރަށް ބޮޑު ތަސައްލީއެއް، މިއީ ޕީޕީއެމްގެ ތާރީހުގައި ވަރަށް އުފާވެރި ދުވަހެއް. ހުކުމުން އެނގިގެން އެ ދިޔައީ އެންމެ ފުރަތަމަ ދުވަހުއްސުރެން ވެސް ޝަރުއީ މަރުހަލާތަކުގައި ކޯޓުތަކުގައި ރައީސް ޔާމީންގެ ސާބިތުކަމާއި އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމާއި މައުސޫމްކަން އަމިއްލަފުޅަށް ސާބިތުކޮށްދެއްވިކަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ އަދުލުގެ އެންމެ މަތީ ނިޒާމުން މިއަދު ހާމަވެގެން ދިޔައީ އެމަނިކުފާނުގެ ތެދުވެރި ކަމެވެ. އެމަނިކުފާނަކީ "ވަގެއް" ކަމަށް ކުރަމުން ދިޔަ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަން މިހާރު ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ، އަޅުގަނޑުމެން އެންމެންގެ ސަފުތައް އިތުރަށް ވަރުގަދަކޮށް އެއްބައިވަންތަކަން އިތުރުކޮށް ދިވެހިންގެ ސަފުތައް އެއްބައިވަންތަވެރިވެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާދަތުގައި 2023ގެ އިންތިހާބަށް ދަތުރުކުރަންވީ އެންމެ މުހިއްމު ވަގުތު،" ޝަހީމް ވިދާޅުވި އެވެ.
"އެއްވެސް ނުފޫޒަކަށް، ދުނިޔޭގެ ނުފޫޒަކަށް، ސިޔާސީ ނުފޫޒަކަށް ބެލުމެއް ނެތި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު އެ ނިންމި އަދުލުވެރި ހުކުމަށްޓަކައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް އަޅުގަނޑު ސެލިއުޓްކުރަން. މިއީ ދިވެހިރާއްޖޭގެ އަދުލުގެ ތާރީހުގައި ލިޔެވިގެންދާނެ ހާދިސާއެއް."
ހުކުމުން އެނގިގެން އެ ދިޔައީ އެންމެ ފުރަތަމަ ދުވަހުއްސުރެން ވެސް ޝަރުއީ މަރުހަލާތަކުގައި ކޯޓުތަކުގައި ރައީސް ޔާމީންގެ ސާބިތުކަމާއި އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމާއި މައުސޫމްކަން އަމިއްލަފުޅަށް ސާބިތުކޮށްދެއްވިކަން. -- އާދަމް ޝަރީފް
ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ ދެ އަހަރު ވަންދެން ޔާމީނަށް ކުރަމުން އައި އަނިޔާ ނިމުމަކަށް އައިސް ހައްގަށް ނަސްރު ލިބިއްޖެ ކަަމަށެވެ. ދެން ފެނިގެންދާނީ ގައުމުގެ ކަންކަން އެމަނިކުފާނު ހަމަމަގަށް އެޅުވުމަށް ބާރަށް މަސައްކަތް ކުރައްވާތަން ކަމަށް ވިދާޅުވި އެވެ.
ޔާމީންގެ ހުކުމް ބާތިލްކުރުމާ އެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން އޮތް ގާނޫނީ ހުރަސްތައް ވެސް ވަނީ ނެތިފަ އެވެ. ޔާމީން މިނިވަންވުމާ އެކު އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަކުރަން ވަނީ ނިންމައިފި އެވެ.