މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އަމިއްލަ ފުރަތަމަ ބޯޓު "ގަލޭނާ" ގެ ފުރަތަމަ ދަތުރުގައި 229 ކޮންޓެއިނަރުގެ މުދާ މިއަދު ރާއްޖެ ގެނެސްފި އެވެ. އެކަމަކު، އެ ބޯޓުގެ އަގެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

"ގަލޭނާ" ބޯޓު ރާއްޖެ އައުމާ ގުޅިގެން އެކަން ފާހަގަކުރަން އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ބައިވެރިވެވަޑައިގަތެވެ.

ސްޓޭޓް ޝިޕިން ކުންފުނިން ބުނިގޮތުގައި "ގަލޭނާ" އަކީ 680 ކޮންޓެއިނަރާއި 60 ޓަނުގެ ކެރޭނަކާއި 60 ރީފާ [ގަނޑު ކޮށްގެން ނުވަތަ ފިނިކޮށް ގެންނަން ޖެހޭ މުދާ ބަހައްޓާ ކޮންޓެއިނަރު] އެއްފަހަރާ އުފުލޭނެ ވަރުގެ ބޯޓެކެވެ. އަދި މި ބޯޓު ބޭނުން ކޮށްގެން، ކޮލަމްބޯ އާއި މާލެއާ ދެމެދު ކޮންމެ އަށް ދުވަހަކުން ދަތުރެއް ކުރަން ތާވަލު ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ގަލޭނާގައި ކޮންޓެއިނާ ބަރުކޮށްފައި: މިފަހަރު ގެނައީ 229 ކޮންޓެއިނަރު-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
ގަލޭނާގައި ކޮންޓެއިނާ ބަރުކޮށްފައި: މިފަހަރު ގެނައީ 229 ކޮންޓެއިނަރު-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ، އެ ކުންފުނީގެ އަމިއްލަ ބޯޓެއް ރާއްޖެ އަށް ބަނދަރު ކުރުމަކީ މެރިޓައިމް ދާއިރާ އިން ކުންފުންޏަށް ކުރިއެރުން ލިބެމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ބޯޓާއެކު، ދިވެހިންނަށް ހުރި ވަޒީފާގެ ފުރުސަތުތައް ވެސް އިތުރު ވެފައިވާ ކަމަށާއި ފްލީޓު ބޮޑުކުރާ ވަރަކަށް އިތުރު ފުރުުސަތުތައް ހުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވިގޮތުގައި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެ ކުންފުނީގެ އަމިއްލަ ބޯޓުތައް އިތުރު ކުރުމަށް މަސައްކަތް ކުރާނެ އެވެ. އަދި މި ކަމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އެ ދާއިރާ އިން މީހުން ބިނާ ކުރުމުގެ މަސައްކަތް ވެސް ކުރިއަ ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބޯޓުގައި ވެސް 99 ޕަސެންޓް މަސައްކަތް ކުރަނީ ހުސް ދިވެހިން. އެއީ ކެޕްޓަނުން ފެށީގެން އެންމެ ދަށް މަގާމާ ހަމައަށް. ފްލީޓު ބޮޑުވާ ވަރަކަށް އިތުރު ދިވެހިން ބޭނުންވާނެ،" ސައީދު ވިދާޅުވި އެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ސައީދު ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ސައީދު ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އޭނާ ވިދާޅުވީ "ގަލޭނާ" ގެ ފުރަތަމަ ދަތުރުގައި ރާއްޖެ ގެނައީ 299 ކޮންޓެއިނަރުގެ މުދާ ކަމަށެވެ. މި ބޯޓުން އެސްޓީއޯ އާއި ރާއްޖޭގެ ގިނަ އަދަދެއްގެ ވިޔަފާރިތަކުގެ މުދާ ގެނެސްފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ގަލޭނާ" ރާއްޖެ ގެނައީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގަ އެވެ. އެ އަށް ފަހު ބޯޓު މިއަދު އައީ ރީބްރޭންޑު ކުރުމަށް ސްރީ ލަންކާގެ ޑޮކްޔާޑަށް ގެންދިއުމަށް ފަހު، އެ މަސައްކަތް ނިމުމުން ކޮލަމްބޯ އިން މުދާ ބަރުކޮށްގެންނެވެ.

"ގަލޭނާ" ގެ ކުރިން އެމްއެސްއެސް އިން ގެންގުޅުނީ ކުއްޔަށް ނެގި ދެ ބޯޓެކެވެ. މި ބޯޓުތަކުގެ ލީސިން މުއްދަތު ހަމަވުމުން މިހާރު ވަނީ ބޯޓުތައް ހަވާލުކޮށްފަ އެވެ.