ކައިރިކައިރީގައި ދެ މުބާރާތުން ގައުމީ ފުޓްބޯޅަ ޓީމަށް ކުރިމަތިވި ނާކާމިޔާބުގެ ސަބަބުން އެކަމުގެ ހިތްހަމަ ނުޖެހުން ސަޕޯޓަރުންގެ ފަރާތުން ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލައިފި އެވެ. ގައުމީ ޓީމާއި އެފްއޭއެމް އޮތީ ޕްރެޝަރުގަ އެވެ. ނާކާމިޔާބުވި ސަބަބުތަކާ ބެހޭގޮތުން އެކި މީހުން އެކި ވާހަކަ އެބަ ދައްކަ އެވެ. ނާކާމިޔާބުވި ސަބަބުތައް ދެނެގަނެ ކަންކަން ހައްލު ކުރުމަށް ފިޔަވަޅުތަކެއް އަޅަން އޮތީ ޖެހިފަ އެވެ. އެ ފިޔަވަޅުތައް ދެނެގަތުމުގައި ޓެކްނިކަލް ރިވިއުއެއް ހަދަން ޖެހެ އެވެ. ފިޔަވަޅުތައް އަޅަން ޖެހޭނީ ޓެކްނިކަލް ރިވިއުއިން ދެނެގަނެވޭ ކަންކަމަށް ރިއާޔަތްކޮށެވެ.
ކްލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ބުނިގޮތުގައި އެފަދަ ރިވިއުއެއް އެކުލަވާލާއިރު މެނޭޖްމަންޓް އަދި ޓެކްނިކަލް ދާއިރާއިން ރިވިއު ކުރަން މުހިންމެވެ.
"ރިޓާން ޑޮކިޔުމެންޓެއްގެ ސިފައިގައި ޓެކްނިކަލް ރިވިއު އެކުލަވާލައި ހުށަހެޅުން މުހިންމު، ނަތީޖާތައް ރަނގަޅު ވުމުގައި އަދި ގޯސްވުމުގައި ވެސް އޮންނާނެ ދެ ސަބަބަކީ މެނޭޖްމެންޓް އަދި ޓެކްނިކަލް ސައިޑުން ބިނާވާ ކަންކަން،" ސާފް ޗެމްޕިއަންޝިޕްގެ ޓެކްނިކަލް ސްޓަޑީ ގުރޫޕް ލީޑްކުރި ޝާޒް ބުންޏެވެ.
އޭނާ ބުނިގޮތުގައި ޓެކްނިކަލް ސްޓަޑީ ގުރޫޕުން ކުރި މަސައްކަތަކީ މުޅި މުބާރާތުގެ ޓެކްނިކަލް ރިވިއުއެއް ހެދުމެވެ. ޓެކްނިކަލް ސްޓަޑީ ގުރޫޕްގެ ރިޕޯޓް އެފްއޭއެމަށް ވަނީ ހުށަހަޅައިފަ އެވެ. އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ޓެކްނިކަލް ސްޓަޑީ ގުރޫޕް ކުރި މަސައްކަތް ފާހަގަ ކުރައްވައިފަ އެވެ.
ޝާޒް ބުނިގޮތުގައި ޓެކްނިކަލް ސްޓަޑީ ގުރޫޕުން ރިވިއު ކުރީ މުޅި މުބާރާތެވެ. ވަކި ވަކި ޓީމުތައް ކުޅުނު ގޮތެވެ. އޭނާ ބުނީ މުބާރާތުގެ ތެރޭގައި ވެސް އޭގެ ބައެއް ބައިތައް ބޭނުން ކުރި ކަމަށެވެ. ޓެކްނިކަލް ސްޓަޑީ ގުރޫޕުން ކުރި މަސައްކަތަކީ ވޯލްޑް ކަޕާއި ޔޫރޯ ފަދަ މުބާރާތްތަކުގައި ވެސް އެކުލަވާލާ ކަހަލަ ޓެކްނިކަލް ސްޓަޑީއެއް ހެދުމެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ޓީމުތަކުގެ ގޭމް އެނަލިސިސް ކުރުމެވެ.
މި ވަގުތު ރާއްޖެ އަށް ބޭނުންވެފައި މިއޮތީ ނާކާމިޔާބުވި ސަބަބު ދެނެގަތުމަށް ހަދަން ޖަހޭ ރިވިއުއެއް ހެދުމެވެ. ސާފް ޗެމްޕިއަންޝިޕްގައި ނާކާމިޔާބުވި ސަބަބުތައް ދެނެގަތުމެވެ. ތަޖުރިބާކާރު އެހެން ކޯޗަކު ބުނީ ދިވެހި ޓީމުގެ ޓެކްޓިކަލް ޕްލޭނެއް ސާފް ޗެމްޕިއަންޝިޕްގައި ނެތް ކަމަށެވެ.
"އުނިވި ކަމަކީ މި ސަރަހައްދުގެ އެހެން ޓީމުތައް ކުޅުނު ގޮތާއި ކުޅޭނެ ގޮތް ލަފާކޮށްލެވޭނެ ގޮތެއް ސާފް ޗެމްޕިއަންޝިޕްގެ ކުރިން ހޯދިފައި ނެތުން،" އޭނާ ބުންޏެވެ.
"މިހާރު މި ސަރަހައްދުގެ ހުރިހާ ޓީމެއް ވެސް ޓެކްޓިކަލް ފުޓުބޯޅަ ކުޅެން ފަށައިފި. ކުރިން ރާއްޖެއިން ބަލި ކުރަމުން އައި ނޭޕާލް ވެސް ޓެކްޓިކަލީ ކުޅޭނެ ވަކި ގޮތެއް އޮތް. އެ ޓީމުތައް އެ ގޭމް ކުޅޭނެކަން ރާއްޖެއަށް މުބާރާތުގެ ކުރިން ދެނެގަނެވިފައި ނެތީ. އެކަން ދެނެގަނެވިފައި އޮތް ނަމަ ދެން ރާއްޖެއިން ކުޅެން ޖެހޭނެ ގޮތް ދަނޑުމަތިން ފެންނާނެ."
ތަޖުރިބާކާރު އެހެން ކޯޗަކު ބުނީ މެނޭޖުމެންޓް ސައިޑުން އެފްއޭއެމުން ވެސް ގޯސްތަކެއް ހަދާފައި ހުރި ކަމަށެވެ.
"ދިވެހި ކޯޗުން ދަށްކޮށްލަނީކީ ނޫން. އިންޑިއާ ތަންތަން އެ ކުޅޭ ގޭމާއި ޓެކްލް ކުރާނެ ގޮތް އެނގޭ ކޯޗަކު ނެތް. މިހާރު ރާއްޖެއިން ވާދަކުރަން ޖެހޭ ގައުމުތަކުގެ ފުޓްބޯޅަ ލެވެލް އޮތް ގޮތުން ދިވެހި ކޯޗަކާއެކު ކާމިޔާބު ހޯދަން އަދި އުނދަގޫ ވާނެ. މެޗަކުން މޮޅު ނުވެދާނެއެކޭ ނޫން. އެކަމަކު އިންޓަނޭޝަނަލް ލެވަލްގައި ކާމިޔާބު ހޯދުމުގައި ދިވެހި ކޯޗުންނަށް އެކަން ކުރަން އަދި ވަރަށް ދުވަސް ނަގާނެ."
މަހިންދަ ރާޖަޕަކްސަ މުބާރާތުގައިވީ ކިހިނެތް؟
މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތަށް ދާން، ގައުމީ ފުޓުބޯޅަ ޓީމުގެ މިހާރުގެ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ އަށް ލިބުނީ ދެ ހަފުތާގެ މުއްދަތެވެ. އޭނާ ރާއްޖެ އައިސް ގެންދިޔައީ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ގައުމީ ޓީމެވެ. އޭނާއާ އެކު ވެސް ފެނުނީ ސާފް ޗެމްޕިއަންޝިޕްގައި ފެނުނު ގޯސްތައް ތަކުރާރު ކުރި ތަނެވެ. ސާފް ޗެމްޕިއަންޝިޕްގައި ހެދުނު ބާގަނޑު ނުބެދި އޮއްވައި ދެ ހަފުތާއިން އޭނާ ބޭނުންވާ ބަދަލު ނުގެނެވިދާނެ އެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕުން ނާކާމިޔާބުވި ސަބަބުތައް ދެނެގަނެވިފައި އޮތް ނަމަ މޮރިއޭރޯ އަށް ވެސް ފަސޭހަވީހެވެ.
ކްލަބު ވެލެންސިއާގެ އެސިސްޓެންޓް ކޯޗް އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނި ގޮތުގައި ސާފް ޗެމްޕިއަންޝިޕް ނާކާމިޔާބުވި ސަބަބު ދެނެގަނެ ރިވިއު ކުރެވިފައި އޮތް ނަމަ މޮރިއޭރޯ ވެސް ރިއާޔަތް ކުރާނެ ކޮންމެވެސް ކަންތަތަކެއް ހުރީހެވެ. މޮރިއޭރޯ ބުނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗުތައް އޭނާ ބެލި ކަމަށެވެ.
"ވީޑިއޯތަކެއް ބަލައިގެން މުޅި ޕިކްޗާ ކްލިއާއެއް ނުވާނެ،" ހިނާ ބުންޏެވެ. "އޭނާ އަކަށް ނޭނގޭނެތާ ސާފް ޗެމްޕިއަންޝިޕްގައި މި ޓީމު ކޭމްޕްގައި އުޅުނު ގޮތެއް. ކިތަށް ދުވަހު ޕްރެކްޓިސް ކުރިކަމާއި ދުވާލަކު ޕްރެކްޓިސް ކުރީ ކިތައް ގަޑިއިރު ކަމެއް ނޭނގޭނެތާ. އަދި ވަކިވަކި ޕްރެކްޓިސްތަކުގައި ކުރިއަށް ގެންދިޔަ ސެޝަންތަކެއް އޭނާ އަކަށް ނޭނގޭނެ."
ހީނާ ބުނިގޮތުގައި ސާފް ޗެމްޕިއަންޝިޕުގައި ޓީމުގެ ޕްރެކްޓިސްތައް ގެންގޮސްފައި ހުރި ގޮތް ފެނުނު ނަމަ ދެން އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކަކީ ކޮބައިންކަން މޮރިއޭރޯ އަށް އެނގޭނެ އެވެ.
"އެކަންކަން އެނގުނު ނަމަ ދަނޑުމަތިން އެކަން ފެންނާނެ،" ހީނާ ބުންނެވެ.
މަހިންދަ ރާޖަޕަކްސާ މުބާރާތުގެ ނާކާމިޔާބަށް ފަހު މޮރިއޭރޯ ބުނީ ރާއްޖޭގެ ޓީމު ބަދަލު ކުރުމަށް އޭނާ ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މޮރިއޭރޯ ވަނީ ލީގު މެޗުތައް ބަލައި އޭނާގެ އަމިއްލަ ޓީމެއް އެކުލަވައިލާނެ ކަމަށް ބުނެފަ އެވެ. މަހިންދަ ރާޖަޕަކްސަ މުބާރާތް، މޮރިއޭރޯ ދެކެނީ އާ ގައުމީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތުގައި ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
"މުބާރާތް މިއޮތީ ނިމިފައި. ދެން އޮތީ އާ ރޮނގެއް ހުރަސް ކުރުން. މާނައަކީ އެނބުރި ރާއްޖެ ގޮސް މި ޓީމަށް އާ ކުޅުންތެރިން ލައިގެން ބިނާ ކުރުން. ކްލަބު ފުޓްބޯޅަ ބަލައިގެން އަހަރެންގެ އަމިއްލަ ޓީމެއް ކުޅުންތެރިންގެ ތެރެއިން އެކުލަވާލުން," ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މޮރިއޭރޯ ބުންޏެވެ.
"މިއީ އަހަންނަށް ލިބުނު ތަޖުރިބާއެއް. ކުޅުންތެރިން ދަނޑުމަތީގައި ތިބޭއިރު އެމީހުންގެ ވިސްނުން ދެނެގަންނަށް ވެސް އަހަންނަށް ވަރަށް ބޭނުންތެރި މުބާރާތަކަށްވީ. އެހެންވީމަ މި މުބާރާތުން އަހަންނަށް ވަރަށް ބޮޑު އެހީއަކަށް ވެއްޖެ. ކުރިމަގަށް ޓީމު ބިނާ ކުރާއިރު އަހަރެންގެ ތަޖުރިބާ ހިމަނައިގެން ކުރިއަށްދާނަން."