ނިޒާމު ބަދަލުކުރުމުގެ ވޯޓެއް އަންނަ އަހަރުގެ ނޮވެމްބަރުގައި ނަގައި 2023ގައި ބަރުލަމާނީ ނިޒާމުން ވެރިކަން ހިންގަން ސިޔާސީ ޕާޓީތަކުން އެއްބަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވިޔަސް ޖުމްހޫރީ ޕާޓީން ގޮތެއް ނުނިންމާ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ނަޝީދާ އެކު ގާސިމް އެއްބަސްވެވަޑައި ނުގަންނަވާ ކަމަށެވެ. އެ ބައްދަލުވުމުގައި ވެސް ސާފުކޮށް ގާސިމް ހާމަކުރެއްވީ ރިޔާސީ ނިޒާމަށް ތާއީދުކުރައްވާ ކަން ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ބުނިގޮތުގައި ސަން އައިލެންޑް ރިސޯޓުގައި މި ފަހުން އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ، ނަޝީދު އެދިވަޑައިގެންނެވެ.
އަލީ ސޯލިހް ވިދާޅުވީ ނިޒާމާ ބެހޭ ގޮތުން ނަޝީދު ވާހަކަ ދެއްކެވުމުން ގާސިމް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށް ސާފުކޮށް ވިދާޅުވި ކަމަށެވެ.
"ޖުމްހޫރީ ޕާޓީން ކަމެއް ނިންމާ ކަމަށްވާ ނަމަ ކައުންސިލަށް ހުށަހަޅައިގެންނޭ ނިންމޭނީ. މިއަދާ ހަމައަށް ޖުމްހޫރީ ޕާޓީގެ ކައުންސިލަށް މިފަދަ ކަމެއް ހުށަހަޅާފައެއް ވެސް ނުވޭ،" އޭނާ ވިދާޅުވި އެވެ.
"ދެން ވިދާޅުވީ ޔަގީންކަން އެރުވީމޭ 2023 ގެ އިންތިހާބާ ހަމައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެ ކަމަށް."
ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނީ އަންނަ އަހަރުގެ ނޮވެމްބަރުގައި ކަމަށެވެ. އެކަމަކު ނިޒާމަށް ވެރިކަން ބަދަލުކުރާނީ ރިޔާސީ އިންތިހާބު އޮންނަ 2023 ވަނަ އަހަރުގައި ކަމަށާއި މިގޮތަށް ޕާޓީތަކަށް އެއްބަސްވެވޭ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި 2023 ގައި ބަރުލަމާނީ ނިޒާމުގެ މަސައްކަތް ފަށަން ބޭނުންފުޅުވާ އެއް ސަބަބަކީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވަން ބޭނުން ނުވުމެވެ.
"ބޭފުޅުން ވިސްނަވާ. ރައީސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑާ ވާދަކުރާ ޕްރައިމަރީއެއް ނުވަތަ އިންތިހާބަކަށް ވުރެން މި ގޮތް ރަނގަޅުވާނެ ކަމަށް ފެންނަނީ." ނަޝީދު ވިދާޅުވި އެވެ.
"މިކަމުގައި ގައުމީ މަޖިލީސް ބައިބައި ނުވުން ވަރަށް އެދެން. ފުންކޮށް ވިސްނާލީމަ މިއީ ޕާޓީއަށާއި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނޭ."
ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ބައެއް ސިޔާސީ ޕާޓީތަކާ ނަޝީދު ބައްދަލުކުރެއްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ބަހުސަށް ހައްްލެއް ހޯދުމަށާއި ގާނޫނުއަސާސީއަށް ބަަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލަފާ ދެއްވި ކަމަށް ވިދާޅުވުމަށް ފަހު އެވެ.
ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުވެގެން ކުރެވޭ މަސައްކަތަކަށް ވުމަކީ ރައްޔިތުންނަށް އޭގެ އެންމެ ހެޔޮ ނަތީޖާ ނުކުންނާނެ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަަށް އަމަލުކުރުމުގައި ހުރި ދަތިތައް އެންމެނަށް ވެސް މިހާރު ފެންނަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް އޮގަސްޓް، 18، 2007 ގައި ނެގި ސިއްރު ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދިނެވެ. ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.