ނެދަލެންޑްސްގެ ކޯޗުގެ މަގާމަށް، ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީ ހެނާންޑޭޒް ހަމަޖައްސައިފި އެވެ.
އެ ގައުމުގެ ފުޓްބޯޅަ އިދާރާ (ކޭއެންވީބީ) އިން ވަނީ ޒަވީއާ އެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މާނައަކީ 2030 ގެ ވޯލްޑް ކަޕްގެ ނިޔަލަށް ނެދަލެންޑްސްގެ ގައުމީ ކޯޗުކަމުގައި ޒަވީ ދެމިހުރުމުގެ ފުރުސަތު އޮތުމެވެ.
ނެދަލެންޑްސްގެ ކޯޗުގެ މަގާމު، އެންމެ ފަހުން ފުރީ ރޮނަލްޑް ކޫމަން އެވެ. ބާސާގެ ކޯޗުކަން ވެސް މީގެ ކުރިން އަދާކުރި ކޫމަން، އޮކްޓޯބަރު 2021 ގައި ބާސާގެ މަގާމުން ވަކިކުރުމުން، އޭނާގެ ބަދަލުގައި އެ ކްލަބުން ކޯޗަކަށް ހަމަޖެއްސީ ޒަވީ އެވެ.
އެ ކްލަބަށް ލަލީގާގެ ޗެމްޕިއަންކަން ހޯދައިދިން، ޒަވީ ބާސާގެ ކޯޗުކަން ދޫކޮށްލީ 2023 ގައި ކްލަބްގެ މެނޭޖްމެންޓުން އޭނާ، މަގާމުގައި ބަހައްޓަން ބޭނުންނުވުމުންނެވެ. އޭއީ އޭނާގެ ބަދަލުގައި މިހާރުގެ ކޯޗު ހެންސީ ޑިއެޓާ ފްލިކް ކޯޗުކަމަށް ހަމަޖެއްސުމަށެވެ.
އުމުރުން 46 އަހަރުގެ ޒަވީ ބުނީ ނެދަލެންޑްސްގެ މަގާމާ ހަވާލުވުމަކީ އޭނާ އަށް ލިބުނު ޝަރަފެއް ކަމަށެވެ. އެއީ އޭނާއަކީ ޑަޗްގެ ފުޓްބޯޅައިގެ ފިލޯސަފީގެ ތެރެއިން ތަމްރީނުވެގެން އައި ކުރީގެ ކުޅުންތެރިޔަކަށްވުމުން ކަމަށް ބާސެލޯނާގެ އެކަޑަމީގެ މަރުހަލާއިން ފެށިގެން އެ ކްލަބްގެ ސީނިއާ ޓީމަށް ކާމިޔާބު ހޯދައިދިން ލެޖެންޑް ބުންޏެވެ.
"ބާސެލޯނާގެ އެކަޑަމީގައި ޔޮހާން ކްރައިފް އަދި ރީނަސް މިކެލްސް ފަދަ (ނެދަލެންޑްސްގެ) ކޯޗުންގެ ބެލުމުގެދަށުން ތަމްރީނު ވެފައިވާ މީހެއްގެ ހައިސިއްޔަތުން، ޑަޗް ފުޓްބޯޅައާ ދޭތެރޭ ހާއްސަ ގުޅުމެއް އޮތްކަމުގެ އިހުސާސް ކުރެވޭ،" ޒަވީ ބުންޏެވެ.
"އަހަރެންނަކީ އެއް ގޮތަކުން ޑަޗް ފުޓްބޯޅައިގެ ދަރިއެއް ކަމަށް ބުނެވިދާނެ. ބާސާގައި އަހަރެން ކުޅެން ފެށިއިރު (ކޯޗަކަށް) ހުރި ލުއިސް ވެން ހާލް. (އަދި އޭގެ ފަހުން) ފްރޭންކް ރައިކާޑް ފަދަ (ނެދަލެންޑްސްގެ) ކޯޗުންގެ އެހީތެރިކަމާ އެކު ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށްދާން އެހީލިބުނު (އަދި) ކޯޗެއްގެ ގޮތުގައި ކުރިއަށްދިއުމަށް ވެސް އެ ކޯޗުންގެ ފަރާތުން ދަސްކުރި މަސައްކަތް ދައުރެއް އަދާކުރި."
ޒަވީގެ ކޯޗުކަމުގެ ދަށުން ހޮލެންޑަށް އޮތް ފުރަތަމަ ކުރިމަތިލުމަކީ ޔޫއެފާ ނޭޝަން ލީގެވެ. އަދި ތުރުކީ އާއި އިޓަލީ ގުޅިގެން ބާއްވާ 2028 ޔޫރޯ އަށް ނެދަލެންޑްސް ކޮލިފައިކޮށްދިނުމުގެ މަރުހަލާ ވެސް އޮތީ ދާދި ގާތުގަ އެވެ.
ޒަވީ ކޯޗުކަން ފެށީ، އެންމެ ފަހުން އޭނާ ކުޅުނު ގަތަރުގެ އަލް ސައާދުންނެވެ. ކޯޗެއްގެ ގޮތުގައި ހަތް ތަށި ހޯދި ޒަވީ ބާސާގެ ކޯޗުކަމުން ވަކިވުމުން، އޭނާ ގެންދަން ބައެއް ކަލްބްތަކާއި ގައުމީ ޓީމުތަކުން ވެސް މީގެކުރިން މަސައްކަތް ކުރި އެވެ.