ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު އެމްއެމްއޭގެ ބޯޑަށް އައްޔަންކޮށްފި އެވެ.
އެމްއެމްއޭގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވުމަށް ފަހު 2017 ގައި އިސްތިއުފާ ދެއްވި ނީޒާ، އަލުން މަރުކަޒީ ބޭންކްގެ ބޯޑަށް މިދިއަ މަހު 23 ގައި އައްޔަންކުރިޔަސް، އެމްއެމްއޭއިން އާންމުކޮށް އެކަން އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު ޑައިރެކްޓަރުންގެ ބޯޑުގައި އޭނާ މިހާރު ހިމެނިވަޑައިގަންނަވާކަން ވެބްސައިޓުން ލިބެން ހުރި މައުލޫމާތުތަކުން އެނގެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި ނީޒާއަކީ، ރާއްޖޭގެ އެންމެ ބޮޑު އެއް ހިޔާނާތް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފުރަތަމަކޮޅު އެސްއޯއެފަށް ޖަމާކުރި 59 މިލިއަން ރުފިޔާއާ މެދު ޝައްކު އުފެދުނަސް، އެމްއެމްއޭއިން އެކަން ނުހުއްޓުވިކަން އެނގުމުން ފާޑުކިއުން އަމާޒުވި ބޭފުޅެކެވެ.
އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ އެވަރުގެ ބޮޑު އަދަަދެއްގެ ފައިސާ، ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެ، އަދި އެ ނެގި އިރު، މަނީ ލޯންޑަރިންނާ ދެކޮޅު ގާނޫނުގެ ދަށުން އެމްއެމްއޭގައި އުފައްދާފައި އޮންނަ މިނިވަން އިދާރާއެއް ކަމަށްވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ހިންގެވުމާ ވަގުތީ ގޮތުން އޭރު ހަވާލުވެ ހުންނެވީ ވެސް އޭނާ އެވެ.
އެ ޓްރާންސެކްޝަނާ މެދު ޝައްކު އުފެދޭކަން ބީއެމްއެލުން އެފްއައިޔޫއަށް އެންގިޔަސް، އެ މުއާމަލާތާ މެދު އެމްއެމްއޭ އިން ވެސް އަދި ބީއެމްއެލުން ވެސް ފިޔަވަޅު އަޅާފައެއް ނުވެ އެވެ. ބީއެމްއެލުން ބުނެފައި ވަނީ ފައިސާ ދޫކުރީ ނީޒާގެ އެންގެވުމަށް ކަމަށެވެ. ނަމަވެސް ނީޒާ ވަނީ، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އެ ވާހަކަ ދޮގުކުރައްވައި، އޭނާގެ ނަން ސާފުކުރައްވަން ތަފުސީލުކޮށް ޖަވާބު ދެއްވައިފަ އެވެ.
ނީޒާ ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ދޫކުރަން އޭނާ އަންގަވާފައެއް ނުވާނެ އެވެ. ބީއެމްއެލްގެ އޭރުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފަށް އޭނާ އެންގެވީ "އޮންނަ އުސޫލުގެ ތެރެއިން އަމަލްކުރަން އެކަނި" ކަމަށް ވެސް ކޮމިޓީގައި، ނީޒާ ވިދާޅުވި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރައްވަން އޭރުގެ ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ނީޒާގެ ނަން ފޮނުއްވި އެވެ. ނަމަވެސް އޭނާގެ ނަން އަނބުރާ ގެންދަވައި، އެ މަގާމު ދެއްވީ އަހުމަދު ނަސީރަށެވެ.
އެމްއެމްއޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އެއް ބޭފުޅާގެ ގޮތުގައި ހުންނެވުމަށް ފަހު ނީޒާ އިސްތިއުފާ ދެއްވީ، ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަންކުރެއްވި ދުވަހު، އޮގަސްޓް 17، 2017 ގަ އެވެ.