އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް، ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު އެދިވަޑައިގެންފި އެވެ.

ބީއެމްއެލްއިން ކުރާ ތުހުމަތުތަކަށް ޖަވާބު ދެއްވަން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ވެސް ވަނީ މާލިއްޔަތު ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.

ފަޅުތަކާއި ރަށްތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެ އެވެ. އެކަމާ ގުޅިގެން ސުވާލުކުރަން ބީއެމްއެލްގެ ވެރިން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމެޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ބޭންކުން އަމަލުކޮށްފައިވާނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ޝައްކުކުރެވޭ މުއާމަލާތްތައް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ހުށަހަޅައި، އެސްއޯއެފްގެ އެކައުންޓްތަކެއް ވެސް ހިފެހެއްޓި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކައުންޓްތައް ދޫކޮށްލީ އެފްއައިޔޫގެ އިސްވެރިޔަކަށް އޭރުު ހުންނެވި އާތިފް ޝަކޫރާއި ނީޒާގެ އިރުޝާދަށެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒަށް ފޮނުއްވި ސިޓީއެއްގައި ނީޒާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާތަކެއް އެސްއޯއެފަށް ޖަމާވަމުން ދިޔަ ނަމަވެސް، އެ މުއާމަލާތްތައް ބޭންކުން ނުހިފެހެއްޓީ އޭނާގެ ވެސް ލަފާގެ މަތިން ކަމަށް ބޭންކުން ބުނި ނަމަވެސް އެއީ ހަގީގަތް އޮޅުވާލުމަށް އެތަނުން ދެއްކި ވާހަކަތަކެއް ކަމަށެވެ. އެހެންވެ، އެކަމުގެ ހަގީގަތް ސާފުކޮށްދެއްވަން ބޭނުންވެ ވަޑައިގަންނަވާތީ އެ ފުރުސަތު ދެއްވުމަށް ސިޓީގައި ނީޒާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިހާރު ހުންނެވި ނީޒާ ރޭ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވި މައްސަލައިގައި ވަކިކަމެއް ކުރަން ބޭންކަށް ލަފާދީފައި ނުވާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީ އަދި އެސްއޯއެފާ ގުޅޭގޮތުން އޭސީސީން ކުރިއަށްގެންދިޔަ ތަހުގީގަށް މައުލޫމާތު ދީފައިވާނެ ކަމަށާއި އެކަމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބޭނުންވާ މައުލޫމާތު ދިނުމަށް މިހާރު ވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.