މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް ޑަބަލްސް އިން ލޯ މެޑަލް ހޯދާފައިވާ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ މުއީނާ މުހައްމަދާއި އައިމިނަތު ޝިއުރާ ޝަރީފްގެ ޕެއާގެ މައްޗަށް ކުރި ހޯދައި ގައުމީ މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ޖޫނިއާ ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު ރަފާ ނާޒިމް އައި ލައިސާ ފަތުހުﷲ ހޯދައިފި އެވެ.
ރާއްޖޭގެ އެންމެ އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ ރަފާ އާއި ލައިސާ ވަނީ މި އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ.
ރާއްޖޭގެ ކުރީގެ އެއް ވަނަ ވޮލީބޯޅަ ކުޅުންތެރިޔާ ފަތުހުﷲ ވަހީދު (ފައްލޯ) ގެ ދަރިފުޅު ލައިސާ އަދި ރަފާ ޑަބަލްސް ޗެމްޕިއަންކަން ހޯދީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. މުއީނާ އާއި ޝިއުރާގެ ޕެއާ ދެ ވަނަ ހޯދިއިރު ތިން ވަނަ ހޯދީ ފާތިމަތު ޖުމާނާ ނިމާލާއި މަރިޔަމް ޝަފީގް (ޒިއުނީ) ގެ ޕެއާ އެވެ. ހަތަރު ވަނަ އަކީ އެއްމާބަނޑު ދެބެން ކަމަށްވާ މަލީޝާ އާއި މަލޫޝާގެ ޕެއާ އެވެ. މިއީ 15 އަހަރުން ދަށުގެ ދެ ކުޅުންތެރިންނެވެ.
ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ މައިޒަރު އާދަމް ޒާހިރާއި މުހައްމަދު ޒީސްތު ނަސީމްގެ ޕެެއާ އެވެ. މިދިޔަ އަހަރުގެ ފައިނަލުން ބަލިވި މައިޒަރާއި ޒީސްތު މި ފަހަރު އެއް ވަނަ ހޯދިއިރު ދެ ވަނަ އަށް ދިޔައީ މިދިޔަ އަހަރު އެއް ވަނަ ހޯދި މޫސާ މުންސިފް އަހުމަދާއި އިބްރާހިމް ޝިއުރީގެ ޕެއާ އެވެ. ތިން ވަނަ އަކީ ރާއްޖޭގެ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އާއި މިބްރާހުގެ ޕެއާ އެވެ. އަދި ހަތަރު ވަނަ އަށް ދިޔައީ ޝިފްނާނާއި މުންތިފްގެ ޕެއާ އެވެ.
އެސޯސިއޭޝަނުން ރާވާފައިވަނީ ފަސް ޕެއާއަށް ވުރެ މަދުން ބައިވެރިވެއްޖެ ނަމަ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޕެއާއެއް ޗެމްޕިއަންކަން ހޯދާ ގޮތަށެވެ. މުބާރާތުގެ ސިންގަލްސް އިވެންޓްތައް މިއަދު ފަށާނެ އެވެ.