ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ގައުމީ ޓީމު ދެ ކުޅުންތެރިން ކަަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ)ގެ ޕެއާ އިން ހޯދައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ދޮންގަނޑު ބީޗް ވޮލީކޯޓުގައި ފެށި މި މުބާރާތުގެ ޗެމްޕިއަންކަން އައްކަޅޭ އާއި ކުޑަކާއްޓޭގެ ޕެއާ އިން ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.
މުބާރާތުގެ ފައިނަލުގައި އިއްޔެ އައްކަޅޭ އާއި ކުޑަކާއްޓޭ ނުކުތީ ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު އަނިލް ނަސީރު، އަދުނާނު އަބްދުލް ހަމީދްގެ ޕެއާއާ ދެކޮޅަށެވެ. ފައިނަލުން ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާ މޮޅުވީ 17-21 އަދި 05-21 އިންނެވެ.
ފައިނަލަށް ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާ އައީ ވިޝާމް އާއި ހަމްދޫންގެ ޕެއާ އާއި އަހުމަދު ހަސަން އާއި މުހައްމަދު ނިހާދުގެ ޕެއާގެ އިތުރުން ފުރަތަމަ ސެމީ ފައިނަލުގައި އަނިލް އާއި އަދުނާންގެ ޕެއާ ބަލިކޮށްފަ އެވެ.
މުބާރާތާ ބެހޭގޮތުން ކުޑަކާއްޓޭ ބުނީ އެންމެ ރަނގަޅަށް ތައްޔާރުނުވެ އައިސް ޗެމްޕިއަންކަން ހޯދުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
"އެންމެ ހިތްހަމައެއް ނުޖެހޭ ޕާފޯމަންސާ މެދު. އެއީ ރަނގަޅަށް ޕްރެކްޓިސް ނުކުރެވޭތީ. އެކަމަކު ވަރަށް ރަނގަޅު ކުޅުންތެރިން ވާދަކުރި މުބާރާތެއް މިއީ. ގައުމީ ފެންވަރުގެ ކުޅުންތެރިން ވެސް. ދެން އެ ކުޅުންތެރިންނާ ވާދަކޮށް ޗެމްޕިއަންކަން ލިބުމުން ހިތްހަމަ ޖެހޭ،" ކުޑަކާއްޓޭ ބުންޏެވެ.
އައްކަޅޭ އާއި ކުޑަކާއްޓޭ އަކީ ސީނިއާ ވޮލީޓީމުގައި ވެސް ފާއިތުވި ގިނަ އަހަރުތަކުގައި ގަވައިދުން ހިމެނިފައިވާ ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިން ވަނީ ބީޗް ވޮލީގެ އިތުރުން ވެސް އެެއް ޓީމަކަށް ކުޅެ ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ހައްވާ ރާޝިދާ އާއި ފާތިމަތު ޒީނިޔާ މޫސާގެ ޕެއާ އިންނެވެ. ފައިނަލުގައި ހައްވާ އާއި ޒީނިޔާގެ ޕެއާ އިން މޮޅުވީ އައިޝަތު މާޖިދާ އާއި އައިމިނަތު އަރީޝާގެ ޕެއާއާ ވާދަކޮށެވެ. އަދި ތިން ވަނަ އަށް ދިޔައީ ޝަފްނާ އިބްރާހިމް އާއި ޝާނިޔާ އަހުމަދުގެ ޕެއާ އެވެ.