ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. މިލަދު އާއ ކުޑަފަރީ އަށް ކުރައްވާ ދަތުރުފުޅެއް މިއަދު ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި، މިލަދޫ ސްކޫލާއި ކުޑަފަރީ ސްކޫލްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ދެ ރަށުގައި ވަކިވަކިން ބާއްވާ ޖަލްސާގައި ރައީސް ބައިވެރިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިލަދޫ ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ އެ މަނިކުފާނު ހުޅުއްވައި ދެއްވާނެ އެވެ.

މިލަދޫ ކައުންސިލާއި އެ ރަށުގެ އެހެން މުއާސަސާތަކުގެ އިސްވެރިންނާ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާނެ އެވެ. އަދި ނ. މަގޫދޫ ކައުންސިލްގެ މެމްބަރުންނާ ވެސް މިލަދޫގައި ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިލަދު އަށް ފަހު ކުޑަފަރީ އަށް ވެސް ވަޑައިގެން އެ ރަށު ކައުންސިލާއި އެ އަތޮޅު ކައުންސިލުގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.