މާވަހަރުގެ އަގުބޮޑު ވައްތަރެއް ކަމަށްވާ ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް، ނ. މަގޫދޫ ދޯންޏަކުން ހޮވައިފި އެވެ.

"ކަނޑުރޯދި" ނަމަކަށް ކިޔާ އެ ދޯންޏަށް 11 ކިލޯގެ މި މާވަހަރު ފެނުނީ މިދިޔަ ހަފުތާގެ ތެރޭގައި ހއ. ފިއްލަދޫއާ ދިމާލުން 60 މޭލު ބޭރުންނެވެ.

އެ ދޯނިން ވާހަކަދެއްކި މީހަކު ބުނީ އެއީ މާވަހަރެއްތޯ ޔަގީންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އައިން ބަލަން އުޅެނިކޮށް މި މާވަހަރު ފެނުނީ. އޭތީގެ ފޮޓޯ ފްރާންސްގެ ބަޔަކަށް ވާނީ މިހާރު ފޮނުވާފައި. އެކޮޅުގެ ޖަވާބެއް އަދި ނުލިބޭ،" ދޯނިން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ލަފާކުރާ ގޮތުގައި އެ މާވަހަރު ވިއްކާލައިގެން އަށް މިލިިއަނެއްހާ ރުފިޔާ ލިބޭނެ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށުން ދޭތެރެ ދޭތެރެއިން މާވަހަރު ހޮވަ އެވެ. އެގޮތުން ދ. ބަނޑިދޫ ދޯންޏަކުން 28 ކިލޯގެ މާވަހަރެއް މިދިޔަ އަހަރު ހޮވާފައި ވެ އެވެ. އެކަމަކު އޭގެ ބައެއް އެއްޗިއްސަކީ މާވަހަރު ނޫންކަން ފަހުން ވަނީ އެނގިފަ އެވެ.