ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ނ. އަތޮޅުގައި އަތޮޅު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އެއް ހަދަން އެ އަތޮޅު ކައުންސިލަށް ހުށަހެޅި ހުށަހެޅުން ބަލައިނުގަތް ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އިއްޔެ ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި އީސަ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ އަތޮޅުގައި އިމަޖެންސީ ސެންޓަރެއް ހަދަން އަތޮޅު ކައުންސިލަށް ހުށަހެޅުއްވީ، ނ. އަތޮޅު ކައުންސިލްގެ ކެނދިކުޅުދޫ މެމްބަރު ވާސިފް އަހުމަދުގެ އެހީއާ އެކު ކަމަށެވެ. ނަމަވެސް ކައުންސިލްގެ ރައީސް އަލީ ޒާފިރު އެ ހުށަހެޅުން ބަލައިނުގަތް ކަމަށް ވިދާޅުވެފައި ވެ އެވެ.
އީސަ ވިދާޅުވީ އެ ސެންޓަރު ހަދަން ހުށަހެޅުއްވީ އެ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ދަތިކަމާއި ބޭހާއި އެހެނިހެން އަސާސީ ކަންކަމަށް ބޭނުންވާ ތަކެތި ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުން ހިމެނޭ ކަމަށް ވިދާޅުވެފައި ވެ އެވެ.
އެ އިމަޖެންސީ ސެންޓަރު ހިންގަން ހުށަހެޅީ، އަތޮޅުގެ ހުރިހާ ރަށެއްގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުތަކުން ހުށަހަޅާ މީހަކު ހިމަނައިގެން ހާއްސަ ބޯޑެއް އެކުލަވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ސެންޓަރުގެ މަގްސަދަކަށް ވާނީ އެ އަތޮޅަށް ދިމާވާ ކަންކަމަށް ހައްލެެއް ހޯދަން މަސައްކަތް ކުރުމެވެ. އެކަމަށް ހާއްސަ ރިލީފް ފަންޑެއް އެކުލަވާލާ އެއަށް ދެ މިލިއަން ރުފިޔާ ހަމަޖައްސަން ނިންމާފައިވާ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.
ނަމަވެސް މި ހުށަހެޅުން ބަލައިނުގަތުމުން، މިފަދަ ސެންޓަރެއް އެ އަތޮޅުގައި ގާއިމެއް ނުކުރެވޭނެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ލިސްޓުގައި ވާ ގޮތުން، އެ އަތޮޅުގެ ތިން ރަށެއް ވަނީ މޮނިޓަރިންގެ ހާލަަތުގަ އެވެ. އެއީ ހެނބަދޫ، ހުޅުދޫ އަދި މަނަދޫ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު މާލެ އިން ފެނުނީ މިދިޔަ މަހުގެ 15 ގަ އެވެ. މިހާތަނަށް ރާއްޖެއިން 573 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، 20 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި ދެ މީހަކު ވަނީ މަރުވެފަ އެވެ.