ވޮޝިންޓަން (ޖުލައި 25) - އިރާގުގެ 1،400 މީހުން އެމެރިކާ އިން ފޮނުވާލުން ފަނޑިޔާރަކު ހުއްޓުވައިފި އެވެ.

މިޝިގަންގެ ޑިސްޓްރިކްޓް ފަނޑިޔާރު މާކް ގޯލްޑްސްމިތުގެ ނިންމުން އައިސްފައި ވަނީ އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ޖަމާއަތުން ބުނެފައި ވަނީ އިރާގުގެ މީހުން އަނބުރާ އެ މީހުންގެ ގައުމަށް ފޮނުވާލައިފި ނަމަ އެ މީހުންނަށް އަދަބު ދީފާނެ ކަމަށެވެ. ސަބަބަކީ އެ މީހުންނަކީ އިރާގުގައި އަޣުލަބިއްޔަތު ނެތް ދަރިކޮޅުތަކަށް ނިސްބަތްވާ މީހުން ކަމަށްވާތީ އެވެ.

ޑިސްޓްރިކްޓުގެ ކޯޓުގެ ފަނޑިޔާރުގެ ނިންމުން އެމެރިކާ ސަރުކާރުން އިސްތިއުނާފް ކުރާނެ ކަމެއް ނޭނގެ އެވެ.

ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދުމަށް އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީން ހިންގި އޮޕަރޭޝަނެއްގައި ވަނީ އިރާގުގެ 1،444 މީހުން އަތުލައިގެންފަ އެވެ. އަދި އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ފަހު މަރުހަލާގައި ވަނިކޮށް ސިވިލް ލިބަޓީން މައްސަލަ ކޯޓަށް ވެއްދީ ޖޫން 15 ގަ އެވެ. ސިވިލް ލިބަޓީން ބުނީ އެމެރިކާ އިން ބޭރު ކުރަން ހަމަޖެހިފައިވާ އިރާގުގެ މީހުންގެ ތެރޭން ގިނަ މީހުން އެމެރިކާ އަށް އެތެރެވެފައި ވަނީ ވަރަށް ޅަ އުމުރުގައި ކަމަށެވެ. މީގެ ތެރޭން ބައެއް މީހުންނަކީ ކުށްތަކުގައި ބައިވެރިވެފައިވާ މީހުންނަށް ވިޔަސް އެ މީހުން އެމެރިކާގައި އުޅުމުގެ ހުއްދަ ދީފައި ވަނީ އިރާގުން އެ މީހުންނަށް ޓްރޭވަލް ޑޮކިއުމެންޓް ހަދައި ނުދިނުމުން ކަމަށް ބުނެފައިވެ އެވެ.