ބޮލީވުޑްގެ އެކްޓްރެސް ސާންޔާ މަލްހޯތުރާ އާއި ސިތާރު މިއުޒިކް ކުޅޭ ފަންނާނު ރިޝަބް ޝަރްމާގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް އަހަރަކަށް ވުރެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު، އެމީހުން ވަކިވާން ނިންމީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.
އެކަން އެމީހުން ސިއްރުކޮށްފައިވީ ނަމަވެސް، މިހާރު ސޯޝަލް މީޑިއާގައި ދެމީހުން ވަނީ އެކަކު އަނެކަކަށް "އަންފޮލޯ" ކޮށްފަ އެވެ.
އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފެށީ މިދިޔަ އަހަރު ކުރީކޮޅުގަ އެވެ. އޭރު ސޯޝަލް މީޑިއާގައި (ރެޑިޓްގައި) އެ ދެމީހުން އެކުގައި ތިބި މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމުވި އެވެ.
ސާންޔާ އާއި ރިޝަބް އެމީހުންގެ ގުޅުން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.
ބައެއް ރިޕޯޓްތަކުގައިވާ ގޮތުގައި، ރިޝަބް މިހާރު އުޅެނީ އެހެން މީހަކާ ވެސް ރައްޓެހިވެގެންނެވެ.
ސާންޔާ އަކީ "ދަންގަލް" އާއި "ޖަވާން" ކަހަލަ ފިލްމުތަކުން މަޝްހޫރުވި އެކްޓްރެސްއެކެވެ.
ރިޝަބްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޝްހޫރު ސިތާރު މިއުޒިކް ކުޅުންތެރިއެކެވެ.