ކޮފީ ބޯން ދެވި ހިފާފައި ތިބޭ މީހުންނަށް ތަފާތު ރަހަތަކުގެ ކޮފީ ތަޖުރިބާކޮށްލަން ލިބުމަކީ ނިކަން އުފާވާނެ ކަމެކެވެ. ކޮފީ ތަށްޓެއް ބޯލާއިރު، މަޝްރޫމްގެ ރަހަ އޭގައި އެކުލެވޭ ނަމަ ކިހިނެއް ވާނެ ހެއްޔެވެ؟
"މަޝްރޫމް ކޮފީ" މިހާރު އަންނަނީ ވަރަަށް ބޮޑަށް ވައިގައި ހިފަމުންނެވެ. މީގެ ކުރިން ވެސް މަޝްރޫމް ބޭނުންކޮށްގެން މަޝްރޫމް ޝޭކް ކަހަލަ ބުއިންތައް ތައްޔާރު ކުރި ނަމަވެސް، ކޮފީ އާއި މަޝްރޫމް އެއްކޮށްގެން ނެރޭ ކޮފީއަކީ އަދި އެހާ އާންމު ބުއިމެއް ނޫނެވެ.
އެކަމަކު ފޯ ސިގްމެޓިކް ކިޔާ އެމެރިކާގެ ކުންފުންޏަކުން މިހާރު އަންނަނީ މަޝްރޫމް ކޮފީގެ ފައިދާތައް ވެސް އަންގައިދިނުމާ އެކު، މި ކޮފީ އަށް އާންމުންގެ ލޯބި ޖެއްސުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ފޯ ސިގްމެޓިކްގެ ބާނީ ޓެރޯ އިޒްކޮޕިއްލާ ބުނި ގޮތުގައި ތަފާތު ބާވަތްތަކުގެ މަޝްރޫމް ބޭނުންކޮށްގެން ތައްޔާރު ކުރާ މަޝްރޫމް ކޮފީއަކީ ސިއްހަތަށް ވެސް ވަރަށް ގިނަ ފައިދާތައް ކުރުވާ އެއްޗެކެވެ. އަދި މިއީ މަޝްރޫމް އާ ގޮތަކަށް ބޭނުން ކުރެވި، އޭގެ ފައިދާތަކުން ނަތީޖާތަކެއް ނެރެވޭނެ ބުއިމެއް ކަމަށް ބުންޏެވެ. ކޮފީ އަށް ބޭނުންކުރާ މަޝްރޫމްތަކުގެ ތެރޭގައި ރެއިޝީ، ޗާގާ، ކޯޑީސެޕްސް މަޝްރޫމް ހިމެނެ އެވެ.
ވޮޝިންޓަން ޕޯސްޓަށް ޓެރޯ ބުނި ގޮތުގައި އެ ތިން ބާވަތުގެ މަޝްރޫމަށް ބަލާ އިރު، ރެއިޝީއަކީ ހަމަށް ވަރަށް ފައިދާ ހުރި ބާވަތެކެވެ.
"މީގެ އިތުރުން ޗާގާއަކީ އެންޓިއޮކްސިޑެންޓްތަކުން މުއްސަނދިވެފައިވާ މަޝްރޫމްގެ ބާވަތެއް. އަދި ކޯޑީސެޕްސް މަޝްރޫމަކީ ކަންނެތްކަން ފިލުވައިދީ ހަރަކާތްތެރިކަން އިތުރުކޮށް ދިނުމަށް ބާރު އަޅާ ބާވަތުގެ މަޝްރޫމެއް،" އޭނާ ބުންޏެވެ. "އެހެންވެ މި މަޝްރޫމްތަކުގެ ރަހަތައް އެންމެ އާންމުކޮށް މިހާރު މި ބޭނުން ކުރާ ބުއިމުގެ ތެރޭގައި ހިމަނާލުމަކީ މަޝްރޫމުން ލިބޭ ފައިދާތައް ކޮފީއެއް ބޯލައިގެން ވެސް ހޯދޭނެ ކަމެއް."
ޓެރޯ ބުނި ގޮތުގައި މަޝްރޫމް ކޮފީއަކީ ހަކުރު ވެސް ކޮންޓްރޯލްކޮށްދީ މެޓަބޮލިޒަމް ރޭޓް ވެސް ހަމައަކަށް އަޅުވައިދޭ ބުއިމެކެވެ.
"މަޝްރޫމް ކޮފީ" ވައިގައި ހިފަމުން ދިޔަ ނަމަވެސް އެމެރިކާގެ އެކެޑެމީ އޮފް ނިއުޓްރިޝަން އެންޑް ޑައިޓިކްސްގެ ތަރުޖަމާން އަދި ޑައިޓިޝަން މާޝާ ޑޭވިސް ވިދާޅުވީ މަޝްރޫމް ކޮފީ ވިއްކާ ކުންފުނިތަކުން މަޝްރޫމްތަކުގެ ފައިދާތައް އޮޅޭ ވަރު ކުރަމުންދާ ކަމަށެވެ.
"އެހެންވެ އެބަ ޖެހޭ ބޮވެނީ ކޮން ކަހަލަ މަޝްރޫމެއްގެ ކޮފީއެއްތޯ ވެސް ކަށަވަރު ކުރަން،" އޭނާ ވިދާޅުވި އެވެ.