ދާރުލްއާސާރު ކުރިމަތީގައި އޮތް ހިތްތަން މައިޒާން މަރާމާތަށް ފަހު އަލުން ހުޅުވައިފި އެވެ.
ހިމާޔަތްކޮށްފައިވާ، ދެ ގަރުނުވީ ރީތި ގަސް ވަށައިގެން އޮތް މައިޒާން މަރާމާތަށް ބަންދުކުރީ 2024ގަ އެވެ.
ގޯލްޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް މަހަކު 2000ރ.އަށް އެ ބިން ދީފައި އޮތީ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި އަމިއްލަ ތަކެތީގައި ޒަމާނާ އެއްގޮތަށް އެ ސަރަހައްދު މަރާމާތުކޮށް ބަލަހައްޓާ ގޮތަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު 10 އަހަރަށް ކުއްޔަށް ދީފައިވާ އެ ތަން މަރާމާތަށް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެތަން އަލުން ހުޅުވިއިރު ޓޭކްއަވޭ ކުރެވޭ ގޮތަށް ފުޑް ޓްރަކްތަކާއި ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް ޕްލޭ ކޯނާއެއް ވެސް ވަނީ ހަދައިފަ އެވެ.