ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީން ފުރައިގެން މާލެއަށް ދަތުރުކުރި އެމިރޭޓްސްގެ މަތިންދާބޯޓެއް ކުއްލި ހާލަތުގައި އިންޑިއާގެ މުމްބާއީއަށް މިއަދު މެންދުރު ޖައްސައިފި އެވެ.
އިންޑިއާގެ އެންޑީ ޓީވީން ބުނީ 309 ޕެސެންޖަރުންނާއެކު ދަތުރުކުރި ބޯޓު ކުއްލި ހާލަތުގައި މުމްބާއީއަށް ޖެއްސިއިރު، އެ ބޯޓުގެ ފަސިންޖަރުން ތިބޭ ކެބިން އާއި ކޮކްޕިޓުން ދުން އަރާތަން ފެނުނު ކަމަށެވެ. އަދި ބޯޓު ކަނޑަށް ވެެއްޓިދާނެތީ އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދުތައް ވެސް ތައްޔާރީ ހާލާތުގައި އޮތް ކަމަށް އެ ޓީވީން ބުންޏެވެ. އޭގެ އިތުރުން އެމްބިއުލަންސް ވެސް ތައްޔާރީ ހާލަތުގައި އޮތް ކަމަށް ބުނެފައިވެ އެވެ.
އެންޑީ ޓީވީން ބުނީ ބޯޓު މުމްބާއީއަށް ޖެއްސުމަށްފަހު ހުރިހާ ފަސިންޖަރުން ރައްކާތެރިކަމާއެކު ބޯޓުން ބާލާފައިވާ ކަމަށެވެ.
އެމިރޭޓްސްގެ އީކޭ 652 މާލެ ޖެއްސުމަށް ހަމަޖެހިފައި އޮތް ގަޑިއަކީ މެންދުރުފަހު 3:05ގަ އެވެ. އަދި އެ ބޯޓުން ދަތުރުކުރި މީހުން އަލުން މާލެ ގެނައުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތެއް އެ އެއާލައިނުން ނުބުނެ އެވެ.