އެމްޓީސީސީގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ މިގޮތަށް ނިންމީ އިއްޔެ ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ކަމަށެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ ބެލެންސް ޝީޓާއި ފައިދާ އާއި ގެއްލުމުގެ ހިސާބުތައް ވެސް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. ޓެކްސް ކެނޑުމަށް ފަހު، ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް ލިބުނީ 53 މިލިއަން ރުފިޔާ އެވެ.

ހިއްސާއަކަށް ދެ ރުފިޔާ ބަހަން މި އަހަރު ނިންމާފައިވާ އިރު، 2018 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ޑިވިޑެންޑް ބަހާފައެއް ނުވެ އެވެ. އެ އަހަރު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް ލިބުނީ 34 މިލިއަން ރުފިޔާ އެވެ. ހިއްސާދާރުންނަށް އެ ފަހަރު ފައިދާ ނުބަހަން ނިންމީ ކުންފުނީގެ މާލި ހާލަތު ދަށްވުމުންނެވެ.

އެމްޓީސީސީން ހިއްސާދާރުންނަށް މިދިޔަ އަހަރު ފައިދާ ނުބަހަން ނިންމި އިރު 2017 ވަނަ އަހަރު އެ ކުންފުނީގެ ފައިދާ އިން ހިއްސާ އަކަށް 2.60ރ. ގެ މަގުން ބަހާފައިވެ އެވެ. އެ އަހަރު ސާފު ފައިދާގެ ގޮތުގައި 145 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހިއްސާދާރުންނަށް އެ ފަހަރު ބެހީ 20.6 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ 64.2 ޕަސެންޓް ހިއްސާ އަކީ ސަރުކާރެވެ. އާންމު ހިއްސާދާރުންގެ ޕަސެންޓަކީ 31.15 އެވެ.