އިސްކަންދަރު ސްކޫލްގެ ޓީޗަރުން ރަޖިސްޓަރީކުރި މަސައްކަތްތެރިންގެ ޔޫނިއަން ބަލައިނުގަންނާނެ ކަމަށް އެ ސްކޫލްގެ މެނޭޖްމަންޓުން އެންގީ އެއީ ދައުލަތުގެ މުައްސަސާއެއްގެ ނަން ބޭނުންކޮށްފައި ވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފްް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ މުއައްސަަސާއެއްގެ ނަން ނުވަތަ އެފަދަ މުއައްސަސާއަކާ އޮޅުން އަރާ ފަދަ ނަމެއް ޔޫނިއަންއަކަށް ކިޔައިގެން ނުވާނެ ކަމަށް ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އާއްމު ކުންފުނިތަކާ ހިލާފަށް ސްކޫލް/މަދުރަސާތަކަކީ ހާއްސަ ސިފަތަކެއް ލިބިފައިވާ ތަންތަން ކަމަށާއި އެއީ ވަރަށް ގިނަ ހިފެހެއްޓުންތަކެއް ހުންނަ ތަންތަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހުށަހެޅިފައިވާ ސުވާލުގެ ކުރު ޖަވާބެއްގެ ގޮތުގައި  ބުނަންޏާ އަޅުގަނޑަށް ބުނެވޭނީ ކުރިން މި ދެންނެވި ގަވާއިދުގެ [ޔޫނިއަން ހިންގުމާއި ރަޖިސްޓްރީކުރުމާ ބެހޭ ގަވާއިދު]ގެ 12 ވަނަ މާއްދާގެ (ހ)ގެ ހަތަރަކާ ހަވާލާދީ އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުންކޮށްގެން، މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެ ވެސް ނަން ބޭނުންކޮށްގެން ޔޫނިއަންއެއް އުފެއްދިދާނެ ކަމަކަށް،" އިސްމާއިލް ވިދާޅުވި އެވެ. 

އިސްކަންދަރު ސްކޫލްގެ ޓީޗަރުންގެ ޔޫނިއަން ރަޖިސްޓަރީކޮށްފައި އޮތީ އެންމެ ރަނގަޅު ގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނުދެކޭ ކަމަށާއި އެހެންވެ ޔޫނިއަންތަކުގެ ރަޖިސްޓްރާ އަށް އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.  އިސްކަންދަރުގެ ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އެންގެވީ އެޑިއުކޭޝަން މިނިސްޓްރީން ދިން އިރުޝާދާ އެއްގޮަތަށް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސްކޫލް މަދުރަސާތަކުގެ ތެރޭގައި މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ފުރުސަތު ދޭނަންމެ. އެހެން ނަމަވެސް ވަކިވަކި ނަންތަކެއް ހަދައިގެން، ސްކޫލްތަކުގެ ނަންތައް ބޭނުންކޮށްގެން މިފަދަ ކަންތައްތައް ކުރުމަށް ފުރުސަތު ދޭކަށް ގަސްދެއް ނުކުރާ ވާހަކަ މި ފުރުސަތުގައި އިއްޒަތްތެރި މެންބަރަށް ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޖަވާބު ދެއްވަނީ.--- ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޖަވާބު ދެއްވަނީ.--- ފޮޓޯ: މަޖިލީހުގެ އިދާރާ

އެޑިއުކޭޝަން މިނިސްޓަރުގެ ޖަވާބާ ގުޅިގެން ސުވާލުކުރަން ދިން ފުރުސަތުގައި މެންބަރު މައުރޫފް ވިދާޅުވީ އިސްކަންދަރު ސްކޫލްގެ ޓީޗަރުން އުފެއްދި ޔޫނިއަން މިދިޔަ ޖެނުއަރީ މަހު ރަޖިސްޓަރީ ކޮށްދިނީ ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީން ކަަމަށާއި މޭ ޑޭގައި ހޯމް މިނިސްޓްރީން އިންތިޒާމްކުރި ރެލީގައި ބައިވެރިވާން އެ މިނިސްޓްރީން އެ ޔޫނިއަން އަށް ދައުވަތު ވެސް ދިން ކަމަށެވެ. އެހެންވީމާ އެ ޔޫނިއަން އަށް އެ ނަމުގައި ހަރަކާތްތެރި ވެވޭނެ ކަމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާއިރު، އެ ނަމުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށް މިނިނިސްޓަރު ވިދާޅުވަނީ ކޮން ގާނޫނަކުން ބާރު ލިބިގެންތޯ އޭނާ އެއްސެވި އެވެ.

"އަޅުގަނޑުގެ ހިތުން ސަރުކާރުގެ އިދާރާއަކުން ރަޖިސްޓްރީކުރިކަމުގައި ވިޔަސް، އެކަށީގެންވާ ވަރަށް ބަލައިލުމެއް ނެތިއޭ އެ ރަޖިސްޓްރީކުރެވިފައި އެވަނީ. އަޅުގަނޑު ކޮންމެހެން އެއަކަށް މާބޮޑު ޖަދަލެއް ކުރާކަށް ބޭނުމެއް ނޫން" މައުރޫފްގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑު ކުރިން ދެންނެވި ޖަވާބަށް ރިއާޔަތްކޮށް ދަންނަވާލަން ބޭނުންވަނީ ސްކޫލް މަދުރަސާތަކަކީ އެއީ ހާއްސަ ސިފަތަކަކާ ރައްކާތެރިކަމަކާ[ ދީ] ހާއްސަ ގޮތަކަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެކޭ."

އިސްމާއިލް ވިދާޅުވި ގޮތުގައި އިސްކަންދަރު ސްކޫލްގެ ޔޫނިއަނެއް އުފައްދާފައި "އިސްކަންދަރު" އެ ނަން ކިއުމުން އެ ސްކޫލް ނޫން ތަނަަކަށް އެ ނަން ނިސްބަތް ނުވާނެ ކަމަށެވެ. 

ސްކޫލެއްގެ ނަން ބޭނުންކޮށްގެން ޔޫނިއަންއެއް ހެދުން ރަނގަޅު ނުވުމުގެ އިތުރުން ސްކޫލެއްގައި ވަކިން ޔޫނިއަން ހަދަން ނުޖެހޭ ބައެއް ސަބަބުތައް ވެސް އިސްމާއިލް މިއަދު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެޑިއުކޭޝަން މިނިސްޓަރާ މިއަދު ސުވާ ލުކުރައްވަނީ.--- ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެޑިއުކޭޝަން މިނިސްޓަރާ މިއަދު ސުވާ ލުކުރައްވަނީ.--- ފޮޓޯ: މަޖިލީހުގެ އިދާރާ

އޭގެ އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ސްކޫލްމަދަރުސާތަކަކީ ގައުމުގެ ތުއްތުކުދިންނަށް ހާއްސަ ކޮށްފައިވާ ވެއްޓަކަށް ވުމެވެ. އެހެންވީމާ އެ ތަންތަަނުގައި ހިނގާ ކޮންމެ ކަމަކީ އެ ކުދިންގެ އުނގެނުމާއި ތަރުބިއްޔަތާ ގުޅިފައިވާ އޮންނަ ތަންތަން ކަމަށް ވާތީ އެތަންތަނުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މެނޭޖްމަންޓްގެ ޒިންމާއެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް ގައުމުތަކުގައި ސްކޫލް ބޭސްޑް ޔޫނިއަންތައް ހުއްޓަސް ގިނަ ގައުމުތަކުގައި މުދަައްރިސުންގެ ހައްގު ހޯދަން މަސައްކަތް ކުރަނީ މިނިސްޓަރު އިސްމާއިލް ވިދާޅުވި ގޮތުގައި ގައުމީ ފެންވަރުގައި ހަރަކާތްތެރިވާ ޔޫނިއަންތައް މެދުވެރިިކޮށެވެ.