އެޗްބީއޯގެ ފްރެންޗައިޒް "ގޭމް އޮފް ތުރޯންސް"ގެ ފުރަތަމަ ފިލްމު "ގޭމް އޮފް ތުރޯންސް: އޭގޮންސް ކޮންކުއެސްޓް" ރިލީޒްކުރާނެ ދުވަހަކާ ގުޅޭ ގޮތުން ވޯނާ ބްރަދާސް އިން އެންމެ ފަހުގެ މައުލޫމާތު އާންމުކޮށްފި އެވެ.
ވޯނާ ބްރަދާސް ޑިސްކަވަރީގެ ހިއްސާދާރުންނަށް ފޮނުވި ރިޕޯޓެއްގައިވާ ގޮތުން، މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފަހުންނެވެ.
ފިލްމީ ދާއިރާގެ ޚަބަރުތައް ބުނާ ގޮތުން، މި ފިލްމު އެންމެ އަވަހަށް ވެސް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ 2028 ނުވަތަ 2029 ވަނަ އަހަރު އެވެ.
މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ޖޯޖް އާރު އާރު މާޓިންގެ މަޝްހޫރު ފޮތް "ފަޔާ އެންޑް ބްލަޑް"ގެ މައްޗަށެވެ. މި ފިލްމުގައި ދައްކާނީ ޓާގޭރިއަން އާއިލާގެ ފުރަތަމަ ރަސްގެފާނު އޭގޮން (އޭގޮން ދަ ކޮންކުއަރާ) އާއި އޭނާގެ ދެ އަނބިން ކަމަށްވާ ވިސެނިއާ އާއި ރޭނިސް، އެމީހުންގެ ޑްރެގަންތައް ބޭނުންކޮށްގެން ވެސްޓެރޯސްގެ ހަތް ރަސްކަމުގެ ތެރެއިން ހަ ރަސްކަން ފަތަހަކޮށް، އެކުލާލައިގެން "އަޔަން ތުރޯން" އުފެއްދި ގޮތެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ މަޝްހޫރު ސީރީޒް "އެންޑޯ" އާއި "ހައުސް އޮފް ކާޑްސް"ގެ ލިޔުންތެރިޔާ ބޯ ވިލިމޮން އެވެ.
ކުރިން ޓީވީ ސީރީޒެއްގެ ގޮތުގައި ގެނެސްދޭން ނިންމި މި ޕްރޮޖެކްޓް ބޮޑު ސްކްރީން ފިލްމަކަށް ބަދަލުކުރީ، ވިލިމޮން ހުށަހެޅި މޮޅު ވާހަކައިގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުންޏެވެ.
ނަމަވެސް، ފިލްމު އުފެއްދުމުގެ މަރުހަލާ އަދި އޮތީ އެންމެ ފުރަތަމަ ސްޓޭޖުގައި ކަމަށް ވާތީ، ފިލްމުގެ ޑައިރެކްޓަރާއި އެކްޓަރުން އަދި އިއުލާނެއް ނުކުރެ އެވެ.
ވޯނާ ބްރަދާސް އިން ރާވާފައި ވަނީ ކޮންމެ އަހަރަކު ވެސް "ގޭމް އޮފް ތުރޯންސް" ފްރެންޗައިޒްގެ ބޮޑު އުފެއްދުމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ގޮތަށެވެ.
"ގޭމް އޮފް ތުރޯންސް"ގެ ސްޕިން-އޮފް ދެ ސީރީޒެއް ވެސް މިހާރު އަންނަނީ ގެނެސްދެމުންނެވެ. އެއީ "ހައުސް އޮފް ދަ ޑްރެގަން" އާއި "އަ ނައިޓް އޮފް ދަ ސެވަން ކިންގްޑަމްސް" އެވެ.
"ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަންގެ ފަހު އެޕިސޯޑު މިއަދު ވަނީ ގެނެސްދީފަ އެވެ. އަދި ކުރިއަށް އޮތް ހަތަރު ވަނަ ސީޒަނަކީ އެ ސީރީޒް ނިންމާލާ ސީޒަނެވެ. އަދި "އަ ނައިޓް އޮފް ދަ ސެވަން ކިންގްޑަމްސް"ގެ އިތުރު ސީޒަނެއް ގެނެސްދޭން ވަނީ ނިންމައިފަ އެވެ.