ދުނިޔޭގެ އެންމެ އުސް ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ ހިމާލިޔާ ރޭންޖުގެ ލޮބޫޗޭ އީސްޓަށް 2017 ވަނަ އަހަރު އަރައި އެންމެ އުހަށް އެރި ދިވެހިންގެ ޝަރަފް ހޯދި ދިއެކްސްޕްލޯރާ ޓީމުން މުޅި ގައުމު ފަހުރުވެރިވާނެ ފަދަ ޝަރަފެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ؛ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓަށް މަސައްކަތެވެ. މިއީ މުޅި ދުނިޔޭގައި ވެސް މަދު ބަޔަކަށް ހާސިލްކުރެވިފައިވާ، އަދި އެކަން ހާސިލްކުރުމަކީ އެ ބަޔަކު ނިސްބަތްވާ ގައުމަށް ވެސް ލިބޭ ބޮޑު ފަހުރަކާއި ޝަރަފެއްގެ ގޮތުގައި ބަލާ ކަމެކެވެ.

ދި އެކްސްޕްލޯރާ އިން މިކަން އިއުލާންކުރީ، އެމެރިކާގެ މަޝްހޫރު އައުޓްޑޯ މަޖައްލާއެއްގައި އެ ޓީމް ފީޗާކުރި ކަމުގެ އުފާވެރި ހަބަރު ދެމުންނެވެ. މިއީ ދިވެހިންގެ އައުޑްޑޯ ހަރަކާތެއް އެމެރިކާގެ މަޖައްލާގައި ޝާއިއުކުރި ފުރަތަމަ ފަހަރެވެ. އެމެރިކާގައި ކްލައިންބިން އާއި މައުންޓެނީއަރިން އަށް ހާއްސަކޮށްގެން ނެރޭ "ދަ ކްލައިބިން ޒިން" ގައި ފީޗާ ކުރީ އެކްސްޕްލޯރާ ޓީމުން ލޮބޫޗޭ އީސްޓަށް ކުރި ސަމިޓެވެ. އެ މަޖައްލާގެ ބޭރުގަނޑުގައި ޝާއިއުކޮށްފައިވާ، އެކްސްޕްލޯރާގެ ކޯ ފައުންޑަރު އަހުމަދު ޒައީމް (ޒައީމްބެ) މައުންޓް ލޮބޫޗޭ އަށް ސަމިޓްކުރަނިކޮށް ނަގާފައިވާ ފޮޓޯއިން ނޭޕާލުގެ ކުމްބޫ ވެލީގެ ފަރުބަދަތަކުގެ ފުރިހަމަކަން ދައްކުވައިދެ އެވެ.

"ދަ ކްލައިބިން ޒިން" ގެ ކަވަރުގައި ދި އެކްސްޕްލޯރާގެ ޒައީމްބެގެ ފޮޓޯ ފީޗާކޮށްފައި.
"ދަ ކްލައިބިން ޒިން" ގެ ކަވަރުގައި ދި އެކްސްޕްލޯރާގެ ޒައީމްބެގެ ފޮޓޯ ފީޗާކޮށްފައި.

"އެމެރިކާގެ އައުޓްޑޯ މަޖައްލާއެއްގައި ދިއެކްސްޕްލޯރާ ފީޗާވެގެން ދިއުމަކީ ދިވެހި އައުޓްޑޯ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" ދި އެކްސްޕްލޯރާގެ ކޯ ފައުންޑަރު އަދި ފޮޓޯގްރާފަރު އިބްރާހިމް އުޝާފަތު (އުޝާ) ބުންޏެވެ.

އޭނާ ބުނީ ގޮތުގައި ރާއްޖެ އަކީ ކުޑަ ގައުމަކަށް ވިޔަސް އައުޓްޑޯ ހަރަކާތްތަކުގައި ވަރަށް ބައިވަރު ކޮމިއުނިޓީއެއް އެބައޮތް ކަމަށާއި މިފަދަ ހަރަކާތްތައް ރާއްޖޭން ބޭރުގައި ފީޗާ ވެގެން ދިއުމަކީ އެންމެންނަށް ލިބޭ ވަރަށް ބޮޑު އެކްސްޕޯޝާއެއް ކަމަށެވެ. އެއާ އެކު ދި އެކްސްޕްލޯރާ އިން މިހާރު ރާވަމުން އެ އަންނަނީ 8848 މީޓަރު އުހުގެ އެވަރެސްޓަށް އަރަން ދިވެހިންތަކެއް ކުރާ ފުރަތަމަ މަސައްކަތް އެންމެ އަވަހަށް ވެސް 2021 ގައި ފަށާށެވެ. އެ މަސައްކަތަށް ސްޕޮންސަރުންގެ އެހީ އަށް ދިއެސްޕްލޯރާ އިން އަންނަނީ ބަލަމުންނެވެ.

"މިކަމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި ދިވެހިންނަށް ނުތިބެވޭނެ ސަބަބެއް ނެތް،" އުޝާ ބުންޏެވެ.

އޭގެ ކުރިން މި އަހަރު އެ ޓީމުން ނޭޕާލުގެ މޭރާ ޕީކަށް އަރައި، ކުރީގެ ރެކޯޑް މުގުރާލާނެ އެވެ އެ ޓީމުން 2017 ވަނަ އަހަރުގެ އޭޕްރިލް މަހު އެރި ލޮބޫޗޭ އީސްޓުގެ އުސްމިނުގައި ހުންނަނީ 6119 މީޓަރު (20,075 ފޫޓް) އެވެ. މޭރާ ޕީކުގެ އުސްމިނަކީ 6470 މީޓަރު (21,227 ފޫޓް) އެވެ. އެވަރެސްޓް ފަރުބަދައިގެ އުސްމިނަކީ 8848 މީޓަރު (29,029 ފޫޓް) އެވެ.

ލޮބޫޗޭ އީސްޓަށް އޭރު އެރުމަކީ، ޒައީމްބެ 2015 ވަނަ އަހަރު ނޭޕާލުގެ 5630 މީޓަރު އުސްމިނުގެ ޔަލުންގް ރީ އަށް ކުރި ޓްރެކުގެ ރެކޯޑް، ދިއެކްސްޕްލޯރާ ޓީމުން މުގުރާލުމެވެ. ލޮބޫޗޭ އީސްޓުގެ އެންމެ މަތީގައި ފުރަތަމަ ފައިތިލަ ޖައްސާލީ ވެސް ޒައީމްބެ އެވެ. އޭނާގެ ފަހަތުން އެރީ، އެހާ އުހަށް ޓްރެކްކުރަން ނުކުތް ދިވެހި ފުރަތަމަ އަންހެން މައުންޓެނިއާ ފާތިމަތު މުނާ ހުސެއިނެވެ. ޒައީމްބެ އާއި މުނާއާ އެކު ދެން އެރީ އުޝާ އާއި މުހައްމަދު އިމްތިޔާޒް (އިންތި) އެވެ.

ޒައީމްބެ އޭރު ބުނީ މިހާ އުހަށް އެރުމުގެ މި ތާރީހީ ޓްރެކް އަންހެން ބައިވެރިޔަކާ އެކު، ހާސިލްކުރެވުނީތީ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އޭނާ ބުނީ ދިއެކްސްޕްލޯރާ ފަށައިގަތީ ވެސް ހަމައެކަނި އެ ގްރޫޕުގެ ބައިވެރިންނަށް އަމާޒުކޮށްގެން ނޫން ކަމަށާއި ބޭނުންވީ ދިވެހިންގެ ތެރެއިން ކޮމްފޯޓް ޒޯން ދޫކޮށް އަމިއްލަ ނަފުސާ ޗެލެންޖްކުރުމުގެ ގާބިލްކަން ހުރި ވަރު ބަލައި އެކަމާ ކުރިމަތިލާން ބޭނުންވާ އެންމެންނަށް އެކަން ފަހިކޮށްދިނުން ކަމަށެވެ.

"ދި އެކްސްޕްލޯރާ ޓީމުން #ބްރޭކްދިރެކޯޑް ގެ އެ ޓްރެކް ފެށީ އެ އަހަރުގެ އޭޕްރިލް 2 ވަނަ ދުވަހު އެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް އެއާޕޯޓް ކަމަށްވާ ލުކްލާ އެއާޕޯޓަށް ފައިބާ، އެތަނުން ރަސްމީކޮށް ޓްރެކް ފެށިއިރު ޓާގެޓްކޮށްފައިވާ ގޮތަށް 10 ވަރަކަށް ދުވަސް ތެރޭގައި، އެވަރެސްޓް ބޭސް ކޭމްޕަށް ގޮސް ފަރުބަދައިގެ ކޮޅަށް އެރީ އެވެ.