ބެޑްމިންޓަންގެ ސްކޯރިން ސިސްޓަމަށް، ބަދަލު ގެންނަން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނާއި އިންޑޮނީޝިއާގެ ބެޑްމިންޓަން އިން ހުށަހެޅި އިސްލާހަށް ވޯޓްގައި ބޮޑު ތާއީދެއް ލިބުނަސް، ފާސްވާން ބޭނުންވާ ވަރަށް ވުރެ އެއް ޕަސެންޓް ވޯޓު މަދުވުމުން އެ ހުށަހެޅުން ބެޑްމިންޓަން ފެޑެރޭޝަންގެ ކޮންގްރެސް އިން ފެއިލްވެއްޖެ އެވެ.
ވާޗުއަލްކޮށް އިއްޔެ ބޭއްވި ކޮންގްރެސްގައި 282 ވޯޓުގެ ތެރެއިން ރާއްޖޭގެ ހުށަހެޅުމަށް 66.31 ޕަސެންޓް ވޯޓް ލިބުނެވެ. އެ ބަދަލަށް އަމަލު ކުރަން ނުފެންނަ ކަމަށް 33.69 ޕަސެޓް ވޯޓް ލިބުނެވެ. އިސްލާހް ފާސް ވުމަށް ބޭނުން ވަނީ ޖުމުލަ ވޯޓްގެ ތިން ބައިކުޅަ ދެބައި ވޯޓެވެ. އެއީ ވޯޓްގެ 67 ޕަސެންޓެވެ.
ރާއްޖެއިން ހުށަހެޅީ މިހާރު އަމަލުކުރާ 21 ޕޮއިންޓް ތިން ގޭމްގެ ބަދަލުގައި 11 ޕޮއިންޓްގެ ފަސް ގޭމަށް ބަދަލު ކުރުމަށެވެ. ސްކޯރިން ސިސްޓަމަށް ބަދަލު ގެންނަން ރާއްޖެއިން ޕްރޮޕޯސަލް ހުށަހެޅީ އެ އިސްލާހަށް އަމަލު ކުރުމުގައި ދެ ގޮތަކަށް އަމަލު ކުރުމަށް އިހްތިޔާރު ލިބޭ ގޮތަށެވެ. އެއީ 15 ޕޮއިންޓްގެ ތިން ގޭމް ނުވަތަ 11 ޕޮއިންޓްގެ ތިން ގޭމަށް މެޗު ކުޅުމަށެވެ.
މި ބަދަލު ގެންނަން 2017 ގައި ބީޑަބްލިއުއެފް ކައުންސިލުގައި މަޝްވަރާ ކުރުމަށް ފަހު އޭރުވެސް ކޮންގްރެސްއަށް ހުށަހެޅި އެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވެސް ހިމެނިވަޑައިގަންނަވާ ބީޑަބްލިއުއެފް ކައުންސިލުން އޭރު ހުށަހެޅުމުންވެސް، ކޮންގްރެސްގައި ފާހެއް ނުވި އެވެ.
ބީޑަބްލިއުއެފްގެ ކޮންގްރެސްއަށް ހުށަހެޅުމުގެ ކުރިން ރާއްޖޭގެ އިންޓަ އޮފީސް މުބާރާތްތަކުގައި، އެ ގަވާއިދަށް އަމަލުކޮށް ތަޖުރިބާ ކުރި އެވެ.
"އެގޮތަށް އަމަލު ކުރީމަ މެޗުތަކުގެ ވާދަވެރިކަން ބޮޑުވެ ފޯރިގަދަވި. ސްޕެކްޓޭޓާޝިޕް ބޮޑުވެގެން ދިިޔަ. ކުޅޭނެ މީހުން އިތުރުވި،" މޫސަ، "މިހާރު" އަށް ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ރާއްޖެއިން ފެނުނު ތަޖުރިބާގެ މައްޗަށް ބިނާކޮށް، ބީޑަބްލިއުއެފްގެ ކައުންސިލަށް އޭނާ ހުށަހެޅުއްވި ރިޕޯޓްގައި އެ ހުރިހާ ކަމެއް ފާހަގަކުރައްވާފައި ވާނެ ކަމަށެވެ.
އިންޑޮނީޝިއާ އަކީ ބެޑްމިންޓަންގެ އެންމެ ބޮޑު އެއް ގައުމެވެ. އެންމެ ބޮޑު ގައުމާއި އެންމެ ކުޑަ ގައުމު، ދިވެހިރާއްޖެއާ ގުޅިގެން މިފަހަރު ކޮންގްރެސްއަށް ހުށަހެޅީ، ޕްރަޕޯސަލް ފާސްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބުމުން ކަމަށް މޫސަ ވިދާޅުވި އެވެ.
"ބީޑަބްލުއުއެފްގެ ކައުންސިލްގެ ސަޕޯޓާއި އޭޝިއާގެ ސަޕޯޓާއި ޔޫރަޕިއަން ބެޑްމިންޓަން ޔޫނިއަން އިން ނެރުނު ނޫސްބަޔާނެއް ތިމަންނަމެން އެ ހުށަހެޅުމަށް ތާއީދުކުރަމޭ ކިޔާފައި،" އޭނާ ވިދާޅުވި އެވެ. "އެހާ ބޮޑު ޔަގީން ކަމާ އެކު އަޅުގަނޑުމެން ހުށަހެޅީ."
ބީޑަބްލިއުއެފްގެ ކޮންގްރެސްއަށް 2017 ގައި ހުށަހެޅި އިސްލާހަށް އޭރު 30 ޕަސެންޓް ވޯޓްވެސް ނުލިބުނެވެ. މިފަހަރު ރާއްޖެއިން މި އިސްލާހް ހުށަހެޅީ މި އިސްލާހުގެ މުހިންމުކަން ގިނަ ގައުމުތަކަށް ވިސްނައިދިނުމުގައި ކާމިޔާބުތަކެއް ހާސިލު ކުރުމަށް ފަހު އެވެ.
ރާއްޖެ އާއި އިންޑޮނީޝިއާގެ ހުށަހެޅުން ފާސް ނުވީ، އެ ބަދަލު ގެންނަން ބޭނުން ނުވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، ބެޑްމިންޓަން އޭޝިއާގެ ޖެނަރަލް ސެކެޓްރީގެ މަގާމު ވެސް އަދާ ކުރައްވާ، މޫސަ ވިދާޅުވި އެވެ. އެ ޕްރޮޕޯސަލް ނާކާމިޔާބުވީ އެކަމުގެ ތެރެއަށް ސްޕޯޓްސް ޕޮލިޓިކްސް ވާދަވެރިކަން ވަނުމުން ކަމަށް އޭނާ ސިފަ ކުރައްވަ އެވެ.