އިތުރު ފަރާތްތަކަށް ފުރުސަތު ނުލިބޭ ގޮތަށް އެޕަލްގެ އެޕް ސްޓޯރުން މޮނޮޕޮލީ ގެންގުޅޭތީ ރަޝިއާ އިން އެ ކުންފުނި 12 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ރަޝިއާގެ ފެޑެރަލް އެންޓި-މޮނޮޕޮލީ ސާވިސް (އެފްއޭއެސް) އިން އެޕަލް އަށް މި ފިޔަވަޅު އަޅާފައި ވަނީ އެޕް ސްޓޯރާ ގުޅޭ ގޮތުން 2019 ގެ މާޗް މަހުގެ ތެރޭގައި ކެޒްޕާޒްކީ ލެބްގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެވެ. އެތަނުން ބުނެފައިވާ ގޮތުގައި އެޕަލް އިން ވަނީ އައިއޯއެސް 12 ގެ ސްކްރީން ޓައިމް ފީޗާއާ އެކު "ސޭފް ކިޑްސް" އެޕްގެ ފަންކްޝްތައް ލިމިޓްކުރަން މަޖުބޫރުކޮށްފަ އެވެ. މިއާ އެކު އެޕް ބޭނުންކުރުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެފައިވެ އެވެ.

އެޕަލް އިން އެޕް ސްޓޯރް ވިޔަފާރީގެ މޮނޮޕޮލީ ގެންގުޅޭތީ، އެހެން ކުންފުނިތަކަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށާއި މިއީ އެޕަލް އިން އަމިއްލަ އަށް ފައިދާ އަށް އެކަނި ވިސްނައިގެ ގަސްދުގައި އަމަލުކުރާ ގޮތް ކަމަށް ރަޝިއާ އިން ބުންޏެވެ. އޭގެ ތެރެއިން ނާޖާއީޒު އެތައް ފައިދާއެއް އެޕް ސްޓޯރުން ނަގާކަން އެފްއޭއެސް އިން ފާހަގަކޮށްފައިވެ އެވެ.

ޖޫރިމަނާކުރި މައްސަލާގައި، ޓިމް ކުކްގެ އެޕަލް އިން ބުނީ އެކަން ބަލައިނުގަންނާނެ ކަމަށާއި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.

"އަހަރެމެން ވާނީ ކިޑްސް އެޕާ ގުޅޭ ގޮތުން ކެޒްޕާޒްކީއާ އެކު މަސައްކަތްކޮށް، އެ އެޕްގެ ރައްކާތެރިކަން ކަށަވަރުކުރަން ވެސް ގިނަ މަސައްކަތްތަކެއްކޮށްފައި،" އެޕަލްގެ ތަރުޖަމާނު ވިދާޅުވި އެވެ. "އަދި އެތަނުގެ ތޭރަ އެޕެއް މިހާރު ވެސް އެޕް ސްޓޯރުގައި އިންނާނެ. އަދި އެ އެއްޗިއްސަށް އެތައް އަޕްޑޭޓެއް ވެސް ޕްރޮސެސްކޮށްފައި ވާނެ. އެހެންވީމަ ޖޫރިމަނާ އަކީ ބަލަންވާ ވަރަށް ނުބަލައި ބޭއިންސާފުންކޮށްފައިވާ ޖޫރިމަނާއެއް."

ރަޝިއާ އިން އެޕަލް ޖޫރިމަނާ ކުރި އިރު، މިފަދަ މައްސަލަތައް އަބަދު ވެސް އެ ކުންފުންޏަށް އޮންނަނީ ކުރިމަތިވެފަ އެވެ. ރަޝިއާގެ ޖޫރިމަނާ އައިސްފައި މި ވަނީ އީޔޫ ރެގިއުލޭޓަރުން ވެސް އެޕަލް އަށް ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެއީ އެޕް ސްޓޯރުން ބައިއަޅާ ގޮތާ ގުޅިގެން 2019 ގައި ސްޕޮޓިފައި އިން ހުށަހަޅާފައިވާ ޝަކުވާތަކަކާ ގުޅިގެންނެވެ.