ކިންގްސް ބާސްކެޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) އެ ކްލަބުގެ އިސް މަގާމަކަށް ހަމަޖައްސައިފި އެވެ.

ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްއަށް ފަހު ކުޅުން ހުއްޓާލި، ޒިލާ އައްޔަން ކޮށްފައި ވަނީ، ކިންގްސްގެ ޑައިރެކްޓާ އޮފް ބާސްކެޓްބޯލްގެ މަގާމަށެވެ. އެ ކްލަބުގެ ފްރެންޗައިޒް މާކެޓިން އަދި ޕަބްލިކް ރިލޭޝަންގެ މަގާމަށް ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒީމާ ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކިންގްސްގެ މަގާމާ ހަވާލުވުމަށް ފަހު ޒިލާ "މިހާރު" އަށް ބުނީ ކިންގްސްގެ މަގާމާ ހަވާލުވާން އެއްބަސްވީ ބާސްކެޓްބޯޅައިގެ ޑިވެލޮޕްމެންޓަށް ރަނގަޅު ޕްރޮޖެކްޓްތަކެއް އެ ކްލަބުގައި ހުރުމުން ކަމަށެވެ.

"މިހާރު ނުކުޅަސް އަބަދުވެސް މި ކުޅިވަރަށް ހިދުމަތް ކުރުމުގައި ދެމިހުންނަން ބޭނުންވޭ. ބާސްކެޓްގެ ކޮންމެވެސް މަސައްކަތަކުން އަބަދުވެސް ފެންނާނެ،" ޒިލާ ބުންޏެވެ. "ކިންގްސްގައި ޑިވެލޮޕްމެންޓްގް ރަނގަޅު ޕްރޮޖެކްޓްތަކެއް ހުރީމަ ރަސްމީކޮށް މަގާމަކާ ހަވާލުވެގެން މަސައްކަތް މި ކުރަން ފެށީ."

ކުރިންވެސް ޒިލާ ބުނެފައި ވަނީ، ކުޅުންހުއްޓާލުމަށް ފަހު އޭނާ މަސައްކަތް ކުރާނީ ބާސްކެޓްބޯޅައިގެ އާޖީލެއް އުފެއްދުމަށް ކަމަށެވެ.

ނާޒިމާ: ކިންގްސްގެ ފްރެންޗައިޒް މާކެޓިން އަދި ޕަބްލިކް ރިލޭޝަންގެ މަގާމަށް ވަނީ ހަމަޖައްސައިފަ --- ފައިިލް ފޮޓޯ: ނިޝާން އަލީ | މިހާރު
ނާޒިމާ: ކިންގްސްގެ ފްރެންޗައިޒް މާކެޓިން އަދި ޕަބްލިކް ރިލޭޝަންގެ މަގާމަށް ވަނީ ހަމަޖައްސައިފަ --- ފައިިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ޒިލާ ވަނީ "ހަވީރު" ނޫހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރު ހޯދައިފަ އެވެ. އަދި ކުޅިވަރު ކުޅުމާއި ކުޅިވަރަށް މީހުން ބިނާ ކުުރުމުގެ ރޮނގުން 2016 ވަނަ އަހަރު ގައުމީ އިނާމު ހާސިލު ކުރި އެވެ.

މަޖީދިއްޔާ ސްކޫލްގެ އިންޓަ ހައުސް މުބާރާތްތަކުގައި ބާސްކެޓް ކުޅެން ފެށި، ޒިލާގެ ސީނިއާ ކެރިއާ ފެށީ 2002 ވަނަ އަހަރު އެވެ. އޭނާ އެންމެ ގިނަ ދުވަހު ކުޅުނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބާސްކެޓް ޓީމަށާއި ޓީރެކްސް އަދި ކިންގްސްއަށެވެ.

ކިންގްސްގެ ފްރެންޗައިޒް މާކެޓިން އަދި ޕަބްލިކް ރިލޭޝަންގެ މަގާމަށް ހަމަޖައްސި ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އަންހެން ބާސްކެޓް ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވި، ނާޒިމާ އަލުން ބާސްކެޓްގައި މަސައްކަތް ކުރަން އެނބުރި އައީ ގިނަ ދުވަސްތަކަކަށް ފަހު އެވެ. އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް މިދިޔަ ހަތް އަހަރު ހޭދަ ކުރީ ފުޓްބޯޅައިގެ އެކި މަގާމުތަކުގަ އެވެ. އެފްއޭއެމްގެ މަގާމަށް އައުމުގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޯޑު މެންބަރުކަން ކުރި އެވެ.