މާޒިޔާގެ ފޯވާޑް، މުހައްމަދު އުމޭރު އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ވެލެންސިއާ އަށް ސޮއިކޮށްފި އެވެ.

އެ ދެ ކުޅުންތެރިންގެ އިތުރުން، ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވެސް ވަނީ ވެލެންސިއާ އަށް ބަދަލުވެފަ އެވެ. ތިން ކުޅުންތެރިން ވެސް މި ސީޒަން ނިމެންދެން ވެލެންސިއާގައި މަޑުކުރާނެ އެވެ.

ވިކްޓަރީން 2006 ގައި ކެރިއަރު ފެށި، އުމޭރު ފުރަތަމަ ކުޅުނީ ޑިފެންޑަރަކަށެވެ. އޭރުގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ގެ ބެލުމުގެ ދަށުން ޑިފެންޑަރަކަށް ކުޅުނު ނަމަވެސް، ފަހުން ކޯޗު އަލީ ސުޒޭންގެ ބެލުމުގެ ދަށުން ފޯވާޑަކަށް ކުޅެން ފެށި އެވެ. މާޒިޔާގެ ކުރީގެ ކޯޗު މަރްޔާން ސެކްލޮސްކީގެ ކޯޗު ކަމުގައި އޭނާ ވަނީ އެޓޭކިން މިޑްފީލްޑަރަކަށް ވެސް މޮޅަށް ކުޅެފަ އެވެ.

އުމޭރު ފާހަގަކުރެވިފައި ވަނީ ދަނޑު މަތީގައި ކޮންމެ ފޯވާޑަކާ އެކު ވެސް ކުޅެން ފަސޭހަ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މާޒިޔާގެ ކޯޗު ކަމުގައި ސުޒޭން ހުރި އިރު ވެސް އަދި ސެކްލޮސްކީ ހުރި އިރު ވެސް، އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާ އެކު އުމޭރުގެ ކޮމްބިނޭޝަން ފެނުނީ ވަރުގަދަކޮށެވެ. ވީބީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓްގައި އަލީ އަޝްފާގު (ދަގަނޑޭ) އާ އެކު ވެސް އުމޭރުގެ ކުޅުން ފާހަގަވި އެވެ.

ބެންޖޯ ޓީސީ އަށް ކުޅުނު އިރު: އޭނާ ވަނީ ޓީސީ އަށް ވެސް އެ ޓީމުގެ ފުރަތަމަ ލީގު ޗެމްޕިއަންކަން ހޯދައިދޭން އެހީވެފައި. ----ފައިލް ފޮޓޯ: މިހާރު
ބެންޖޯ ޓީސީ އަށް ކުޅުނު އިރު: އޭނާ ވަނީ ޓީސީ އަށް ވެސް އެ ޓީމުގެ ފުރަތަމަ ލީގު ޗެމްޕިއަންކަން ހޯދައިދޭން އެހީވެފައި. ----ފައިލް ފޮޓޯ: މިހާރު

ބެންޖޯ މީގެ ކުރިން ވެސް ވަނީ ވެލެންސިއާ އަށް ކުޅެ އެ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. ހުއްރިއްޔާ ސްޕޯޓްސް ކްލަބުން 2005 ގައި ކެރިއަރު ފެށި ބެންޖޯ ވަނީ، އެ ޓީމަށް އެ އަހަރުގެ ދިވެހި ޕްރިމިއަ ލީގު ކާމިޔާބުކޮށް ދިނުމުގައި އެހީވެ ދީފަ އެވެ. ވެލެންސިއާ އަށް އޭނާ އަލުން މި ބަދލުވީ ހަތް އަހަރަށް ފަހު އެވެ. ތަޖުރިބާކަރު ޑިފެންޑަރު ވަނީ 2018 ގައި ޓީސީ އަށް ވެސް ދިވެހި ޕްރިމިއަ ލީގު ހޯދައިދިނުމުގައި އެހީވެ ދީފަ އެވެ.

މިދިޔަ ސީޒަންގައި ވެސް ތޮއްޕެ ވަނީ ދެ ކްލަބަކަށް ކުޅެފަ އެވެ. ސީޒަން އޭނާ ފެށީ، ގްރީން ސްޓްރީޓްސް އިންނެވެ. އެކަމަކު މިދިޔަ ސީޒަންގެ އޭއެފްސީ ކަޕް ކޮލިފިކޭޝަނަށް ހާއްސަކޮށް އީގަލްސް އަށް ބަދަލުވެ އެ ކްލަބްގައި ވެސް ބައެއް ލޯކަލް މެޗުތައް ވެސް އޭނާ ކުޅުނެވެ. ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީ އެ ޓީމުގައި ހުރި އިރު ތޮއްޕެ ވަނީ އެޓީމަށް ވެސް ކުޅެފަ އެވެ. މި ސީޒަން އޭނާ ފެށީ، ގްރީން ސްޓްރީޓްސްއިންނެވެ.

ވެލެންސިއާ އިން ދެ ޑިފެންޑަރުން ގެނައީ، މި ސީޒަންގައި އެޓީމަށް ކުޅުނު ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލާސް އާއި ސްޕެއިންގެ ޑިފެންޑަރު ހޯޒޭ އެންޓޯނިއޯ ނެތްތަން ފޫބެއްދުމަށެވެ. ޑަކްސަން މަރުވުމުން އެ މެގާމަށް ޑިފެންޑަރަކު ގެނެސްފައެއް ނުވެ އެވެ. ހޯޒޭ ވަނީ ޓީމު ދޫކޮށް ރާއްޖެއިން ފުރައިފަ އެެވެ.