އަންނަ މަހު ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ހަމަޖައްސައިފި އެވެ.
މީގެ ކުރިން ވެސް ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަސްއޫލިއްޔަތު އަދާކުރި ކާއްޓޭ އެންމެ ފަހުން އެ ޓީމުގައި މަސައްކަތް ކުރީ ސައުތު އޭޝިއަން ގޭމްސްގައި އެސިސްޓެންޓް ކޯޗަކަށެވެ. އޭރު ރާއްޖޭގެ ހެޑް ކޯޗަކީ ސާބިއާގެ މިލޯރާޑް ކިއާޗް އެވެ.
ރާއްޖެ ވާދަކުރާ ސެންޓްރަލް ޒޯންގެ ބީ ގުރޫޕްގެ މުބާރާތް ނުވަތަ ސައުތު އޭޝިއާ މެންސް ޗެލެންޖް ކަޕުގެ ނަމުގައި ބާއްވާ މުބާރާތް އޮންނާނީ އަންނަ މަހު 7-13 އަށް ބަންގްލަދޭޝްގަ އެވެ.
ގައުމީ ޓީމަށް ބްރެޒިލްގެ ކޯޗެއް ގެންނަން ވީއޭއެމުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވިގޮތުގައި އާ ކޯޗަށް ރާއްޖެ އާދެވޭއިރު، ޓީމާއެކު މަސައްކަތް ކުރަން އެކަށީގެންވާ ވަގުތު ނުލިބޭނެ އެވެ. އެހެންވެ، ކާއްޓޭ ހަމަޖެއްސީ ސެންޓްރަލް ޒޯންގެ މުބާރާތަށް ވަގުތީ ކޯޗެއްގެ ގޮތުގައި ކަމަށް ރަނޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިވެހި ކޯޗުންގެ ތެރެއިން ސެންޓްރަލް ޒޯން މުބާރާތުގައި އެންމެ ގިނަ ތަޖުރިބާތަކެއް ކޮށްފައި ހުރި ކޯޗަކީ ވެސް ކާއްޓޭ ކަމަށެވެ.
ރާއްޖެ އިން ވަނީ މީގެ ކުރިން ސެންޓްރަލް ޒޯން މުބާރާތުގައި ރިހި މެޑެލް ހޯދައިފަ އެވެ.
ރަނޭ ވިދާޅުވިގޮތުގައި ކުރިން ކާމިޔާބު ހޯދާފައިވާ މުބާރާތެއް ކަމަށް ވުމުން މި ފަހަރު ވަގުތު ކުޑަތަންވި ނަމަވެސް މެޑެލް ހޯދުން ނޫން އެހެން އަމާޒެއް ވީއޭއެމުން ނުގެންގުޅެ އެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ މި ކުޑަދުވަސްކޮޅުގެ ތެރޭގައި ވެސް އެންމެ ފުރިހަމަ އަށް ތައްޔާރު ވެވޭނީ ދިވެހި ކުޅުންތެރިންނަށް ފަރިތަ ކޯޗަކާއެކު ކަމަށް. ރަނގަޅަށް ތައްޔާރު ވެވިއްޖެ ކަމުގައިވާ ނަމަ ދިވެހި ކޯޗަކާއެކު ވެސް އަޅުގަނޑުމެންނަށް ރަނގަޅު ހިސާބަކަށް ދެވޭނެ،" ގައުމީ ކޯޗުގެ ގޮތުގައި ކާއްޓޭ ތައާރަފު ކޮށްދެމުން ރަނޭ ވިދާޅުވި އެވެ.
"އެހެންވެ ވީ އެންމެ އަވަހަކަށް ޓްރޭނިން ފެށުމަށް އަޅުގަނޑުމެން މި ހަމަޖައްސަނީ ކުރިން ވެސް މި މުބާރާތުގައި އެންމެ ތަޖުރިބާކާރު ދިވެހި ކޯޗު ކާއްޓޭ."
ރަނޭ ވިދާޅުވީ، ގައުމީ ފިރިހެން ވޮލީ ޓީމު ކާއްޓޭއާ ހަވާލުކުރީ، ޓެކްނިކަލް ކޮމިޓީ އާއި އެކްސްކޯގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އެ ނިންމުން ނިންމީ ކާއްޓޭއަކީ ދިވެހި ކުޅުންތެރިން އެންމެ ރަނގަޅަށް ދަންނަ އަދި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އެންމެ ރަނގަޅު ތަޖުރިބާއެއް ލިބިފައި ހުރި ކޯޗަކަށް ވާތީ ކަމަށް ރަނޭ ވިދާޅުވި އެވެ.
"މި މުބާރާތަށް ތައްޔާރުވާން ލިބިފައި އޮތް ވަގުތުކޮޅު ކުޑަކަމުން ކާއްޓޭގެ ތަޖުރިބާ އަޅުގަނޑުމެންނަށް މުހިންމު ވަނީ،" އޭނާ ވިދާޅުވި އެވެ.
ރަނޭ ވިދާޅުވިގޮތުގައި، ގައުމީ ޓީމާ ހަވާލުވާ ބޭރުގެ ކޯޗު ރާއްްޖެ އަންނާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ނުވަތަ އެ މަހުގެ 15 ގަ އެވެ. ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ކޯޗު ރާއްޖެ އަންނަ ނަމަ ރާއްޖެ ކުޅޭ މެޗުތައް ބަލައިލުމުގެ ފުރުސަތު ކޯޗަށް ފަހިކޮށްދޭނެ ކަމަށް ރަނޭ ވިދާޅުވި އެވެ.
ކާއްޓޭގެ ބެލުމުގެ ދަށުން ގައުމީ ޓީމު މިހާރު ވަނީ މުބާރާތަށް ތައްޔާރުވާން ޕްރެކްޓިސް ފަށައިފަ އެވެ.
ކޯޗު ބުނީ ކޮވިޑް-19 އާ ގުޅިގެން، ފާއިތުވެ ދިޔައީ ވާދަވެރި މުބާރާތެއްގައި ކުޅުންތެރިން ބޯޅައިގައި އަތް ނުލައި ދިޔަ ދެ އަހަރު ކަމަށެވެ. އެގޮތަށް ދިޔަ މުއްދަތެއްގައި ކުއްލިއަކަށް މުބާރާތެއްގެ ދައުވަތު ލިބުމުން ތައްޔާރުވާން ކޯޗެއްގެ ގޮތުގައި އޭނާ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭ ކަމަށް ކާއްޓޭ ބުންޏެވެ.
"ޗެލެންޖަކަށްވާ ސަބަބަކީ މި މުބާރަތަކީ މީގެ ކުރިން ވެސް މެޑެލް ހޯދާފައި އޮތް މުބާރަތަކަށް ވުން. އަނެއް ސަބަބަކީ ކޮވިޑްއާ ގުޅިގެން ވާދަވެރި މުބާރާތެއްގައި ފުރުސަތު ނުލިބި ދިޔަ މުއްދަތަކަށް ފަހު އޮތް މުބާރާތަށް 20 ދުވަސް ތެރޭ ތައްޔާރުވާން ޖެހުން،" ކާއްޓޭ ބުންޏެވެ.
އޭނާ ބުނީ، ކުރިމަތީގައި ހުރި ގޮންޖެހުންތައް ބޮޑު ވިޔަސް އަމާޒަކީ އެންމެ ދަށް ވެގެން ރިހި މެޑެއްޔަކާއެކު ސެންޓްރަލް ޒޯން މުބާރާތް ނިންމައިލުން ކަމަށެވެ.
ސެންޓްރަލް ޒޯން ފިރިހެން މުބާރާތަށް ފަހު އަންހެން މުބާރާތް ޑިސެމްބަރު 20-31 އަށް އޮންނާނެ އެވެ. އެ މުބާރާތް ބާއްވާނީ ވެސް ބަންގްލަދޭޝްގަ އެވެ.