އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ޔަމަން އަތުން 2-0 އިން ދިވެހިރާއްޖެ ބަލިވި މެޗުގައި، ނޭވާލާން އުނދަގޫވެގެން އިމަޖެންސީގައި ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހުނު ރާއްޖެ ޓީމުގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ގޭ ހާލު އެއްކޮށް ރަނގަޅުވަމުން އަންނަ ކަމަށް ގައުމީ ޓީމުން ބުނެފި އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ހޮކޭ ނޭވާލާން އުނދަގޫވީ، ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް އަށިގަނޑުގައި ދަނޑުން ބޭލި ވަގުތު އެވެ. ނޭވާހިއްލުމުގެ އުނދަގުލާ އާއްމުކޮށް ކުރިމަތިވާ ހޮކޭ އަށް މިރޭ އެ މައްސަލަ ދިމާވުމާ އެކު އެމްބިއުލާންސުގައި ވަގުތުން ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އެ ވަގުތު އޭނާގެ ހާލަތު ވަރަށް ސީރިއަސް އެވެ. އޭނާ އެމްބިއުލާންސަށް އެރުވުމުގައި ޔަމަނުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ބައިވެރިވި އެވެ.
ގައުމީ ޓީމުގެ އޮފިޝަލަކު ބުނީ ނިއު ރޭޑިއަންޓުގެ ކެޕްޓަން ހޮކޭގެ ހާލު މުޅިން ރަނގަޅުވަމުން އަންނަ ކަމަށާއި ސީރިއަސް މައްސަލައެއް ނެތް ކަމަށެވެ. މި ވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ނަމަވެސް ދާދި އަވަހަށް އޭނާ ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.
ހޮކޭ އަށް މި ސީޒަނުގެ ކުރީކޮޅު ނިއު އަށް ކުޅެނިކޮށް ފަޔަށް އަނިޔާވެ ދުވަސްތަކަކު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އަދި ސަސްޕެންޝަނުގެ ސަބަބުން މިދިޔަ އަހަރު އޭނާ އަށް ގައުމީ ޓީމުގެ ބައެއް މެޗުތައް ވެސް ގެއްލުނެވެ.