ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުންނާއި އެ ކޮމިޓީގެ މެންބަރުކަމުން ވަކިކުރި، މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެންބަރު އަސްމާ ރަޝީދު އަލުން އެ ކޮމިޓީން ޖާގަދީ،  މުގައްރިރުކަމަށް މިއަދު އައްޔަންކޮށްފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިޖުތިމާއީ ކޮމިޓީ އަށް އަލުން އަސްމާ އިއުލާން ކުރެއްވިކަން އިއުލާން ކުރައްވައިފަ އެވެ.

އޭގެ ފަހުން އިޖުތިމާއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ވަކި ހިސާބަކުން ވަނީ އެ ކޮމިޓީގެ މުގައްރިރުކަމުގައި މިހާތަނަށް ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް މުގައްރިރުކަމުން އިސްތިއުފާދެއްވައި އެކަން އިއުލާނު ކުރެއްވި އެވެ.

އޭގެ ފަހުން ކޮމިޓީގެ އާ މުގައްރިރަކަށް އަސްމާގެ ނަން ހުށަހަޅައި ފާސްކުރި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާފަންނުމެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މާފަންނުމެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، އަސްމާ ވިދާޅުވީ ކުޑަ ދުވަސްކޮޅަކަށް ކޮމިޓީއާ ދުރަށް ވަޑައިގަތަސް ހިތް އޮތީ ކޮމިޓީއާ އެކުގައި ކަމަށާއި މަސައްކަތްކުރަން ބޭނުންވި ކޮމިޓީއަކީ ވެސް އެއީ ކަމަށެވެ. 

"ތިޔަ ބޭފުޅުންނާ ދުރުގައި ހުންނަން ވަރަށް އުނދަގޫ ވެސް ވީ، އެހެން ނަމަވެސް ހުރިހާ ކަމެއް ރަނގަޅުވެގެން، އަޅުގަނޑު އަނބުރާ ތިޔަބޭފުޅުންނާ އެކީ މަސައްކަތްކުރަން މި އާދެވުނީ،" އަސްމާ ވިދާޅުވި އެވެ. 

ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމެއްގައި އެމަނިކުފާނާ ސުވާލެއް ކުރަން ނުވަތަ މެސެޖެއް ދޭން ބޭނުންވާ ނަމަ، އެންގުމަށް އެދިވަޑައިގެން، އަސްމާ އޭނާގެ ދާއިރާގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.

އަސްމާ ވަނީ އެ މެސަޖާ ގުޅިގެން މާފަށް ވެސް އެދިވަޑައިގެންފަ އެވެ. އޭނާ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އޭނާ ފޮނުއްވި މެސެޖަކީ ޖަލްސާގައި އެއްވެސް ސަބަބަކާ ހުރެ ރައީސްއާ ސީދާ ސުވާލުކުރަން ފުރުސަތު ނުލިބޭ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސްއާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފޮނުވި މެެސެޖެއް ކަމަށެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޭނާއާ ނުލައި ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ، އަސްމާ ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯ ދާދި ފަހުން ލީކުވުމުން ވެސް މައްސަލަ ހޫނުވި އެވެ. އެކަމަކު، ފަހުން ވަނީ އެކަން ހައްލުކޮށް ޕީއެންސީގެ އިސްވެރިންނާ އެކު ސުލްހަވެފަ އެވެ.