ތައިލެންޑުގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި ދިވެއްސެއްގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފި އެވެ.
ރާއްޖެއިން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހު "މިހާރު އަށް މިއަދު ވިދާޅުވީ އެކްސިޑެންޓް ހިނގީ އެއާޕޯޓުން، އެ މީހުން ތިބޭ ހޮޓަލަށް ދިޔަ މަގުމަތީގައި ކަމަށެވެ. ޒަހަމްވި ފިރިހެން މީހާއަށް ބެންކޮކްގެ ރަމަތިބޮޑި ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ސ. ހުޅުދުއަށް ނިސްބަތްވާ މީހާ ބެންކޮކަށް ދިޔައީ ބޭބެއަކާއި ރައްޓެއްސަކާ އެކުގަ އެވެ.
ޖިނާހު ވިދާޅުވީ 44 އަހަރުގެ މީހާގެ ބޮލަށާއި މައިބަދަ އަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. ފުރާނަ ސަލާމަތްކުރުމަށް އޮޕަރޭޝަނެއް ކުރުމަށް މި ވަގުތު ތިއޭޓަރަށް ވައްދާފައިވާއިރު އަދި އިތުރު ސާޖަރީއެއް ކުރަންޖެހޭނެ ކަމަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެމީހާގެ ހާލު ވަރަށް ސީރިއަސް. އެމީހުންނަށް އެމްބަސީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން،" ޖަނާހު ވިދާޅުވި އެވެ.