ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމު ހުސްކޮށް އޮންނަތާ އަހަރެއް ފަހުން އެ މަގާމަށް ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު އައްޔަން ކުރައްވައިފި އެވެ.

ޕެންޝަން އޮފީސް އުފެދުނީއްސުރެ އެތަނުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށް ފަހު މަނިކު ވަކިވެވަޑައިގަތީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ މަނިކު ސީއެމްޑީއޭގެ ސީއީއޯކަމަށް "ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު"ގެ ދަށުން އައްޔަން ކުރެއްވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މަނިކަކީ އެމެރިކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން ކުރީގެ ޑިޕާޓްމެންޓް އޮފް ފިނޭންސް މިހާރުގެ ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއް ވެސް އޭނާ ވަނީ ފުރުއްވަވާފަ އެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި ނާދިޔާ ހަސަން އިސްތިއުފާ ދެއްވީ 2019 ވަނަ އަހަރު އެވެ.

ރައީސް ވަނީ އެ އޮތޯރިޓީގެ ޗެއާޕާސްންގެ މަގާމަށް ވެސް ދާދި ފަހުން ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ އެވެ.

ސީއެމްޑީއޭގެ ބޯޑު މިހާރު އެތުރިފައިވާ ގޮތް:

- އައިޝަތު ޒާހިރާ: ޗެއާޕާސަން

- ޗީފް އެގްޒެކެޓިވް އޮފިސަރު: މުހައްމަދު ހުސައިން މަނިކު

- އާއިޝަތު ނާދިޔާ: ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

- އަހުމަދު ސިރާޖް: ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، ސެކްރެޓަރީ ޖެނެރަލް/ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި ފިނޭންސް މިނިސްޓްރީ

- މަރްޔަމް ވިސާމް: ރެޖިސްޓްރާ އޮފް ކޮމްޕެނީޒް

- ފާތިމަތު ޝަފްނީޒް: ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެމްބަރެއް

- ރިފާއަތު ޖަލީލް: ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ މެމްބަރެއް