ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފެއާ "ވެކޭޝަނަލް އެކްސްޕޯ"ގައި ބައިވެރިވާނެ ކަމުގެ ޔަގީން ކަން 35 ފަރާތަކުން ދީފައިވާ ކަމަށް ހައިރައިޒުން ބުނެފި އެވެ.
އަންނަ އޮގަސްޓު 4-6 އަށް އާޓް ގެލަރީގައި ބާއްވާ މި ފެއާ އިންތިޒާމް ކުރާ ހައިރައިޒްގެ ހެޑް އޮފް ސޭލްސް ގެބްރިއެލާ މިލްކޯވާ ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 35 ފަރާތަކުން ފެއާގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި އޭގެ ތެރޭގައި މެލޭޝިއާ އަދި ސިންގަޕޫރުގެ ޓޫރިޒަމް ބޯޑު ހިމެނޭ ކަމަށެވެ.
ގެބްރިއެލާ ވިދާޅުވީ އެ ފަރާތްތަކުން ބައިވެރިވުމުގެ ޔަގީންކަން ދިނުމަކީ ފެއާ މަގުބޫލުވެގެން ދާނެ ކަމުގެ ނިޝާނެއް ކަމަށެވެ. މި ފެއާގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ބޮޑެތި އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާއި ގެސްޓް ހައުސްތަކާއި އެޑްވެންޗާ ޓްރެވަލް އެންޑް ޓުއާ އޯގަނައިޒަރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފެއާގެ މައި ސްޕޮންސަރަކީ މޯލްޑިވްސް ހޮލިޑޭސް އެވެ. އަދި ފެއާގެ ކޯ ސްޕޮންސަރުންގެ ތެރޭގައި މޫދު ހޮލިޑޭސް ހިމެނޭ އިރު އެސޯސިއޭޓް ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ އެމްވީ ހޮޓެލްސް، ކެޗް މޯލްޑިވްސް އަދި މެލޭޝިއާ ޓޫރިޒަމް އެވެ.
މީގެ އިތުރުން، މި ފެއާ އަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި އެމްއެމްޕީއާރްސީ، މަޓާޓޯ އަދި ލިވަބޯޑް އެސޯސިއޭޝަން (ލޭމް) އިން އެންޑޯޒް ކޮށްފައިވާ ފެއާ އެކެވެ.
ގެބްރިއެލާ ވިދާޅުވީ މި ފެއާ އަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ގުރުއަތެއް ބާއްވައި، ނަސީބުވެރިންނަށް އަގުހުރި އިނާމުތައް ދޭނެ ކަމަށެވެ. މި އިނާމުތަކުގެ ތެރޭގައި ހިމެނެނީ:
- މުސާފިރީން އުމްރާ ގުރޫޕުން ދޭ އުމްރާ ދަތުރެއް
- މޫދު ހޮލިޑޭސް އިން ދޭ 2000 ޑޮލަރުގެ ހޮލިޑޭ ޕެކޭޖެއް
- ސިންގަޕޫރު ޓޫރިޒަމް ބޯޑުން ދޭ ސިންގަޕޫރު ދެކޮޅު ޓިކެޓް
- އެމްވީ ހޮޓެލްސް އިން ދޭ "މީރު" ރިސޯޓުގައި ޗުއްޓީއެއް
- އަވޭލާ މަންޓާ ވިލެޖުން ދޭ ޗުއްޓީއެއް
- ކްރެކެން އެޑްވެންޓުއާޒް އިން ދޭ މަސް ދަތުރެއް
- ކާށިތެޔޮ ގިފްޓް ހެމްޕަރެއް
- ޑައިވް ކްލަބް މޯލްޑިވްސުން ދޭ މާފުށީ ދަތުރެއް