ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ބޭރުގެ ފަރާތްތަކަށް ހުރަސް އަޅަން މަސައްކަތް ކުރުމަކީ އިގްތިސާދަށް ގެއްލުން ދިނުން ކަމަށް ބުނެ ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާ (އެމްއެންސީސީއައި) އިން އިދިކޮޅު ފަރާތްތަކަށް މިއަދު ފާޑު ކިޔައިފި އެވެ.
ފ. އަތޮޅު ތަރައްގީ ކުރަން ސައުދީ އަރަބިއާގެ އިސް ފަރާތްތަކަކަށް ދޭން ނިންމާފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތާ ގުޅިގެން އެމްއެންސީސީއައި އިން ނެރުނު ބަޔާނެއްގައިވަނީ ކުރީގެ ރައީސް މައުމޫނާއި އިދިކޮޅު ފަރާތްތައް ގުޅިގެން އިންވެސްޓަރުންނަށް ހުރަސް އަޅަން ކުރާ މަސައްކަތް އެ ޖަމްއިއްޔާ އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ލޭނާރު ކަމަށްވާ ފަތުރުވެރި ކަމަށް އިންވެސްޓްކުރަން އަންނަ ފަރާތްތަކަށް ހުރަސް އަޅަން މަސައްކަތް ކުރާ ކުރުމަކީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށާއި އޭގެ ސަބަބުން ދިވެހި ވިޔަފާރިތަކާއި އިގްތިސާދަށް އަދި އާންމު ރައްޔިތުންނަށް އިއާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އާންމުކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބޭރުގެ ފަރާތްތަކުން ކަމަށްވާއިރު މިފަދަ އަމަލުތަކުގެ ސަބަބުން، އިންވެސްޓަރުން ހޯދަން އެ ޖަމްއިއްޔާ އިން ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިފަދަ ކަންކަމުގެ އަސަރު ކުރާނީ ހަމައެކަނި ސަރުކާރަށް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ފ. އަތޮޅުގައި ވިއްކާލަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީން ވަނީ އެ ވާހަކަ ދޮގު ކުރައްވައި، އެތަނުގައި ހިންގަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ވިދާޅުވެފަ އެވެ. އެ ވާހަކަ ރައީސް ވިދާޅުވީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު މިމަހު ރާއްޖެ ކުރައްވާ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިި ވަނިކޮށެވެ.