ރާއްޖޭގެ މައި ވިޔަފާރިވެރިންގެ ޖަމިއްޔާ ނެޝަނަލް ޗެމްބާ އޮފް ކޮމާސް އިންޑަސްޓްރީޒް ނުވަތަ ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އޮތީ ބަޔަކު ހިސޯރުކޮށްފައި ކަމަށާއި އެކަން ރަނގަޅު ކުރެވެން އޮތީ ގާނޫނު ފާސްކޮށްގެން ކަމަށް އެ ޖަމިއްޔާގެ އެއް މުއައްސިސް އަދި އޭޑީކޭގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސްނަގައިގެން ވަރަށް ގިނަ އަދަދެއްގެ ވިޔަފާރިވެރިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ބޭއްވި ބައްދަލުވުމުގައި ނާޝިދު ވިދާޅުވީ، ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އެ ބިލް ހުށަހެޅުއްވީ މި ނިމޭ ދައުރު ފެށުނު ތަނާހެން ކަމަށް ނާޝިދު ވިދާޅުވި އެވެ.
"އެ ގާނޫނު އޮތްތާ އޮތީ. އެހެންވީމާ މި ގާނޫނު އަލުން ބަލައި، ވުޖޫދަށް ގެނެސްގެން އަލުން އަޅުގަނޑުމެންގެ ނެޝަނަލް ޗެމްބާ އޮފް ކޮމާސްގެ ގޮތުގައި ހިންގޭނެ ގޮތެއް ގާނޫނު އިސްލާހު ކޮށްދެއްވައިގެން، ގާނޫނު ފާސްކޮށްދެއްވުމަކީ ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުންނާއި ޗެމްބަރުގެ ފައުންޑާ މެންބަރެއްގެ ހައިސިއްޔަތުން ވެސް އެދޭ ކަމެއް،" ސިއްހީ ދާއިރާގެ އިތުރުން މިހާރު ޓޫރިޒަމް ދާއިރާގައި ވެސް މަސައްކަތް ކުރައްވާ ނާޝިދު ވިދާޅުވި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ކަންކަން ހަމަޔަކަށް އަޅުއްވައި ދެއްވަން މުއިއްޒުގެ އަރިހުގައި އެދިވަޑައިގަންނަވަމުން ނާޝިދު ވިދާޅުވީ، މީގެ އެތައް އަހަރެއް ކުރިން އެ ޖަމިއްޔާ އުފެއްދީ ރާއްޖޭގެ ވަރަށް ބޮޑެތި ވިޔަފާރިވެރިންތަކެއް ގުޅިގެން ކަމަށާއި ބައިވަރު އެސެޓްތައް ވެސް ހުންނާނެ ކަމަށެވެ.
"އެކަމަކު، މި ތަނުގެ ޚަބަރެއް ވެސް ނެތް. އެ ތަނުން ލިބޭ ލާރިއާ އެކު ބަޔަކު މީހުން އެ ތަން ހިސޯރު ކޮށްގެން އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ނާޝިދުގެ އިތުރުން ވިލާގެ ޗެއާމަން ގާސިމް އިބްރާހިމްގެ އިތުރުން ވެސް އެހެން ވިޔަފާރިވެރިންތަކެއް ހަރަކާތްތެރިވި އެވެ. އެއީ ރާއްޖޭގައި ކުރިން ވަރަށް ހަރަކާތްތެރި އަދި ވިޔަފާރިވެރިންގެ އަޑު އިއްވައިދީ، ފުރުސަތުތައް ހޯދައިދޭ ތަނަކަށް ވިޔަސް ޖަމިއްޔާ ހުއްޓި، އެެއްވެސް އަޑެއް ނީވޭތާ އަށެއްކަ އަހަރު ވެދާނެ އެވެ.
ނާޝިދު ވިދާޅުވީ، ސަރުކާރުގެ ޕްރޮޖެކްޓްތައް ކުރުމުން، އަމިއްލަ ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާގެ އަދަދުތައް ވަރަށް ބޮޑު ކަމަށާއި މީގެ ސަބަބުން ވިޔަފާރިވެރިން ކުރާ މަސައްކަތްތައް ހުއްޓި، ސަޕްލަޔަރުންނާ ދޭތެރޭ އޮންނަ ކޮންފިޑެންސް ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. މިއީ ވިޔަފާރިވެރިންނަށް މި ވަގުތު ދިމާވާ އެންމެ ބޮޑު މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހެލްތު ކެއާ އިންޑަސްޓްރީ އަށް ބަލާ އިރު އަޅުގަނޑުމެން ބައެއް ކަހަލަ ސަޕްލައިސް ހުއްޓި މި ދޭތެރެއިން ވެސް އަޅުގަނޑުމެން ކުރަން ޖެހޭ ލައިފް ސޭވިން ސާޖަރީ ޑިލޭ ވެގެން ދިޔަ. މީހަކު ގޮސް އެތި ކޮޅު ގަނެގެން އައިސް ސާޖަރީ ކުރަން ޖެހެ ހިސާބަށް ދިޔަ. އެހެންވީމާ މިއީ ވަރަށް ސީރިއަސް ކަމެއް،" ނާޝިދު ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި އެ ނޫން ދާއިރާ އަށް ވެސް ދިމާވެފައިވާ މައްސަލަ ހައްލު ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިވެރިޔާ ސައުދުﷲ ހިލްމީ ވެސް ވިދާޅުވި ގޮތުގައި، ކޮންޓްރެކްޓަރުންނަށް ފައިދާ ނުދިނުމުގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާ އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ.
"ފައިސާ ނެތް އިރު ކޮންޓްރެކްޓަރުން ލައްވައި، މަސައްކަތް ކުރީ ކީއްވެގެންތޯ، ފައިސާ ނުދެވި ހަ މަސް، 10 މަސް އެއް އަހަރު ދެ އަހަރު ވަނީ ދާން ޖެހެނީ ކީއްވެގެންތޯ. މި ހާލަތަށް ރާއްޖޭގެ ހާލަތު އައިސްފައި މި އޮތީ. ކޮންޓްރެކްޓަރުން ޖެހެނީ ބިލް ހުށަހަޅާފައި ފަހަތުން ދުވަން އެތައް މަރުހަލާއެއްގައި،" އޭނާ ވިދާޅުވި އެވެ.
މި ކަންކަން އިސްލާހު ކޮށްދިނުމަށް ދާއިރާގެ ވިޔަފާރިވެރިން ވަނީ މުއިއްޒަށް އެދިވަޑައިގެންފަ އެވެ.