އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ކެޓަގަރީގެ އަންހެން ބައިގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިން ހޯދީ ފައިނަލުގައި ސީއެޗްއެސްއީ ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަހުމަދިއްޔާގެ އައިމިނަތު އަފާފް އެވެ.
މި ބައިގެ ޑްރީމް ޓީމުގައި ހިމެނެނީ އަހުމަދިއްޔާގެ އަފާފްގެ އިތުރުން އެ ސްކޫލުގެ މަރިޔަމް ނަޝްވަތު، ފާތިމަތު ޔުމްނާ، މަރިޔަމް ވިރުދާ އާއި ސީއެޗްއެސްއީގެ އައިޝަތު ސަޖާޔާ އާއި ފާތިމަތު އަންވަރު އެވެ. އެންމެ މޮޅު ކޯޗަކީ އަހުމަދިއްޔާގެ ޝުއައިބު އަހުމަދު އެވެ.
ނަވާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސީއެޗްއެސްއީން ހޯދީ ފައިނަލުގައި އަހުމަދިއްޔާގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިގެންނެވެ. ފައިނަލުގެ މޮޅު ކުޅުންތެރިޔަކީ ސީއެޗްއެސްއީގެ ޝިއާން ޝަރީފް އެވެ. މި ބައިގެ ޑްރީމް ޓީމުގައި ހިމެނެނީ ސީއެޗްއެސްއީގެ ޝިއާންގެ އިތުރުން އެ ސްކޫލުގެ އަހުމަދު ޝިދާދު، މުހައްމަދު ޝާވީގެ އިތުރުން އަހުމަދިއްޔާގެ މުހައްމަދު ދާން، ހަސަން ސަމީހް އަދި ހުސެއިން ޒަޔާން އެވެ. އެންމެ މޮޅު ކޯޗަކީ ސީއެޗްއެސްއީގެ އަދުނާން އަބްދުލް ރަހީމް އެވެ.
ސޯޅަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފާފު އަތޮޅު ސްކޫލެވެ. ފޯރިގަދަކޮށް ދިޔަ މި އުމުރުފުރާގެ ފައިނަލުގައި ފ. އަތޮޅު ސްކޫލް މޮޅުވީ ވ. ކެޔޮދޫ ސްކޫލާ ވާދަކޮށް 3-1 ސެޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފ. އަތޮޅު ސްކޫލުގެ ނާއިފް އިބްރާހިމް އެވެެ. މި ބައިގެ ޑްރީމް ޓީމުގައި ހިމެނެނީ ފ. އަތޮޅު ސްކޫލުގެ ނާއިފްގެ އިތުރުން ޝާމް އަހުމަދާއި މުހައްމަދު ރައްޔާން އެވެ. ދެން ހިމެނެނީ ކެޔޮދޫގެ އިބްރާހިމް ރަފްހާން އާއި ހައިޝަމް އިބްރާހިމްގެ އިތުރުން ތިން ވަނަ އަށް ދިޔަ މަޑިފުށީ ސްކޫލްގެ މާއިޝް އަހުމަދު އެވެ. އެންމެ މޮޅު ކޯޗަކީ ފ. އަތޮޅު ސްކޫލުގެ ކޯޗު އަލީ ޒާހިރު އެވެ.
ސޯޅަ އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ބ. ގޮއިދޫ ސްކޫލް އެވެ. ފައިނަލުގައި ގޮއިދޫން ވަނީ ފާފު އަތޮޅު ސްކޫލް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ގޮއިދޫގެ ޒަހާ ނިޔާޒް އެވެ. ޑްރީމް ޓީމުގައި ހިމެނެނީ ޒަހާގެ އިތުރުން އެ ސްކޫލުގެ ރަފްހާ ސަމީރު، ފ. އަތޮޅު ސްކޫލުގެ އިންޝާ އަލީ އާއި އައިޝަތު ސާނިހާ، ލ. އަތޮޅު ސްކޫލުގެ އަލްޔާ އަހުމަދުގެ އިތުރުން ވ. ކެޔޮދޫ ސްކޫލުގެ އަފުނާން މުހައްމަދު އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ގޮއިދޫގެ ކޯޗު މުހައްމަދު ނިޒާމް އެވެ.
ހަ ސްކޫލުން ބައިވެރިވި 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ވ. ކެޔޮދޫ ސްކޫލް 3-1 އިން ސެޓުން ބަލިކޮށް ފ. އަތޮޅު ސްކޫލް އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ފ. އަތޮޅު ސްކޫލުގެ މިފްރާހު ހުސެއިން އެވެ. މި ބައިގެ ޑްރީމް ޓީމުގައި ހިމެނެނީ ފ. އަތޮޅު ސްކޫލުގެ މިފްރާހުގެ އިތުރުން ރާއިސް އަހުމަދާއި މުހައްމަދު ޔާނިސް، ކެޔޮދޫ ސްކޫލްގެ ނައުފަލް މުހައްމަދު ނަސީރު، އަހުމަދު މާހިލް އިބްރާހިމް އަދި އަލީ ޝުއައިބް ޝަމީމް އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފ. އަތޮޅު ސްކޫލުގެ އަލީ ޒާހިރު އެވެ.
ޖުމްލަ ނުވަ ސްކޫލުން ބައިވެރިވި 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ފ. އަތޮޅު ސްކޫލުން ހޯދީ ފައިނަލުގައި 3-2 ސެޓުން ބ. ގޮއިދޫ ސްކޫލް ބަލިކުރުމަށް ފަހު އެވެ. ޑްރީމް ޓީމުގައި ހިމެނެނީ ފ. އަތޮޅު ސްކޫލްގެ އިބާ އަބްދުﷲ، އީމާން އަލީ އަދި ޝިނާ އަހުމަދު ލަތީފް، ގޮއިދޫގެ ފާތިމަތު ޝާޔާ އިލްޔާސް އާއި ދީނާ މަޖީދުގެ އިތުރުން ބ. މާޅޮސް ސްކޫލުގެ އައިޝަތު ނައުރީން އެވެ. އެންމެ މޮޅު ކޯޗަކީ ފ. އަތޮޅު ސްކޫލުގެ އަލީ ޒާހިރު އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ ވެސް އިންޓަ ސްކޫލު ވޮލީ މުބާރާތަށް ލިބުނު ތަރުހީބު ބޮޑެވެ. އަތޮޅު ތެރެއިން ވެސް ގިނަ ސްކޫލުތަކުން ބައިވެރިވިއިރު، ގިނަ ބަޔަކު ވަނީ މެޗުތައް ބަލަން ގޮސްފަ އެވެ. މި ފަހަރުގެ މުބާރާތުގައި ތަފާތު 16 ސްކޫލަކުން ބައިވެރިވިއިރު، އޭގެ ތެރެއިން ނުވަ ސްކޫލަކީ އަތޮޅުތެރޭގެ އެކި ރަށްތަކުގެ ސްކޫލުތަކެވެ.